ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން ރާއްޖެއަށް މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ދިިވެހި ސަރުކާރުގެ ގެޒެޓްގައި ކުރި އިޢުލާނަކުން ނެވެ.
އިޢުލާނުގައިވާ ގޮތުން، މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އަދި މި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށް ބުނެފައިވެ އެވެ.
މި ސްކޮލަރޝިޕްގެ ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މަޢުލޫމާތު ޖޭޑީއެސްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. މި ފުރުސަތުތަކަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 24 ނޮވެމްބަރވާ އާދިއްތަ ދުވަހުގެ 16:00 ކަމަށް ބަޔާންކޮށްފައިވެ އެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ނުވަތަ 7252007 ނަންބަރު ފޯނަށް ގުޅައިގެން ލިބޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން އިތުރަށް އަންގާފައިވާ ގޮތުގައި، މި ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ ނުވަތަ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ގަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިއު.އޭ އިން ގަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަންވާނެ އެވެ.
މީގެ އިތުރުން، ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ގަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށްވެސް މިނިސްޓްރީން އަންގާފައިވެ އެވެ.
ރާއްޖެ - ޖަޕާން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް