ވެއްޓުނު ފަންކާއަކީ އިއްޒުއްދީން ކުދިންނަށް ހާއްސަކޮށް ދަރުމަވަންތަ ސުކޫލްގައި ހެދި ކްލާސްރޫމްގައި ފަހުން ހަރުކުރި ފަންކާއެއް ކަމުގައި ދަރުމަވަންތަ ސްކޫލު އިމާރާތް ކުރި މައި ކޮންޓްރެކްޓަރު ކަމުގައިވާ އެސްޖޭ ކޮންސްޓްރަކްޝަންގެ ސީއީއޯ އިބްރާހީމް ޝިހާދު (އެސްޖޭ ޝިހާދު) ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ސްކޫލުގެ ފަންކާއެއް ކުދިން ކިޔަވަން ތިއްބާ އިއްޔެ ވަނީ ވެއްޓިފަ އެވެ. ސްކޫލްގެ ބެލެނިވެރިޔަކާއި ހަވާލާދީ އޮންލައިން ނޫސް ”މިހާރު“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަންކާ ވެއްޓުނީ ގްރޭޑް 4 ގެ ދަރިވަރުން ކިޔަވަން ތިބި ކްލާސްރޫމެއްގަ އެވެ.
ދަރުމަވަންތަ ސުކޫލަކީ މާލޭގައި އެންމެފަހުން އިމާރަތްކުރި ސުކޫލް އެވެ. އެ ސްކޫލްގެ ހުޅުވާފައިވަނީ ނިމުނު އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. ނަމަވެސް ސުކޫލްގެ ފެންވަރު ދަށްވުމުގެ ޝަކުވާތައް ތަކުރާރުކޮށް ބެލެނިވެރިންނާއި ޓީޗަރުން އަންނަނީ ފާހަގަކުރަމުން ނެވެ.
ފަންކާ ވެއްޓުނު ހާދިސާއާ ގުޅިގެން އެސްޖޭގެ ސީއީއޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެއްޓުނު ފަންކާއަކީ އެ ކުންފުނިން ހަރުކުރި ފަންކާއެއް ނޫން ކަމަށެވެ. އެއީ އިއްޒުއްދީން ސުކޫލް ބާވުމުން، އެ ސުކޫލްގެ ދަރިވަރުން ދަރުމަވަންތައަށް ބަދަލުކުރުމަށް އިތުރުކުރި ކްލާސް ރޫމެއްގައި ހަރުކޮށްފައި ހުރި ފަންކާއެއް ކަމަށާއި، އެ މަސައްކަތްކުރުމަށް ހަވާލުކުރީ އެހެން ކޮންޓްރެކްޓަރަކާއި ކަމަށެވެ.
”ސްކޫލުހެދި މައިކޮންޓްރެކްޓަކާއި ބެހޭވެސް ކަމެއްނޫން ކަމުގައިވާތީ ދަންނަވާލީ“
މި ހާދިސާ ހިނގުމާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވަނީ ސުކޫލަށް ވަޑައިގެން ކްލާސް ރޫމްތަކުގެ ހާލަތު ބައްލަވާލައްވާފަ އެވެ. މިނިސްޓަރާއި ހަވާލާދެއްވައި އޮންލައިން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސުކޫލްގެ ހުރިހާ ފަންކާއެއްވެސް ހުރީ ރަނގަޅު ހާލަތުގައި ކަމަށެވެ.
74.9 މިލިއަން ރުފިޔާއަށް އިމާރަތްކުރި ދަރުމަވަންތަ ސުކޫލްގައި 1300 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ