މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދެވޭނެ ދުވަހެއް ބުނަން ދަތިކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން މިހެން ބުނީ މިއަދު އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.
މިފްކޯއިން ބުނީ މަސްވެރިކަން ދަށްވެ، މާލީ ހާލަތު ހުރި ގޮތުން ސެޕްޓެމްބަރު 28 ވަނަ ދުވަހުން ފެށިގެން އެކުންފުންޏަށް ކިރާފައިވާ މަހުގެ ފައިސާ ދެވޭނެ ވަކި ތާރީހެއް ބުނަން ދަތި ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 9.2 މިލިއަނަށް އަރާފަ އެވެ.
މިފްކޯއިން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި މަސްވެރިން ވަނީ 882.32 މެޓްރިކް ޓަނުގެ މަސް ކިރާފަ އެވެ.
މިފްކޯއަށް ކިރި މަހަށް، މަސްވެރިންނަށްދޭންޖެހޭ ފައިސާ؛
- ފެލިވަރަށް ކިރި މަހަށް؛ 3،590،838.62 މިލިއަން ރުފިޔާ
- ކޫއްޑޫއަށް ކިރި މަހަށް؛ 5،451،481.27 މިލިއަން ރުފިޔާ
- އައްޑޫއަށް ކިރި މަހަށް؛ 113،171.90 ރުފިޔާ
މި ފައިސާ މަސްވެރިންނަށް ދިނުމަށްޓަކައި ކުރިއެކޭ އެއްފަދައިން ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ކިރި މަހުގެ ފައިސާ ހޯދުމަށް ކުރިއެކޭވެސް އެއްގޮތަށް ސަރުކާރާއެކުގަ މިދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން. އުންމީދަކީ ވީއެންމެ އަވަހަކަށް ފައިސާ ހަލާސްކުރުން
މީގެ އިތުރުން މިކަމުގައި އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާ ކުރާނެކަމަށްވެސް މިފްކޯއިން ބުނެ އެވެ.