އެމްއެންޑީއެފްގެ އެއްވެސް ޕައިލެޓެއް އަތުގައި އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އޮޕަރޭޓްކުރުމުގެ ލައިސެންސް ނެތް ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑޯނިއާ ފްލައިޓު ފުރަތަމަ އޮޕަރޭޓް ކުރީ އިންޑިއާގެ އަސްކަރީ މުވައްޒަފުން ނެވެ. އޭގެ ފަހުން އެމީހުންގެ ބަދަލުގައި އިންޑިއާގެ މަދަނީ ތަޖުރިބާކާރުން ވަނީ ޑޯނިއާ އޮޕަރޭޓް ކުރުމަށް ރާއްޖެއަށް އައިސްފަ އެވެ.
2021 ވަނަ އަހަރު އެމްއެންޑީއެފްގެ ދެ އޮފިސަރަކަށް ވަނީ ޑޯނިއާ އޮޕަރޭޓް ކުރުމަށް ތަމްރީނު ދީފަ އެވެ. އެއީ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީ އެވެ. ނަމަވެސް އެ ދެމީހުންނަށްވެސް ފްލައިޓް އޮޕަރޭޓް ކުރުމުގެ ފުރުސަތެއް ދީފައެއް ނުވެ އެވެ.
މިކަމާ ގުޅޭ މައުލޫމާތު ހާމަކުރަން ޑިފެންސް މިނިސްޓްރީން ފުރަތަމަ ދެކޮޅު ހެދީ އެމްއެންޑީއެފްގެ އޮފިސަރުންނަށް ފްލައިޓް އޮޕަރޭޓް ކުރުމުގެ ހުއްދަ ނުދެވުނީ ކީއްވެގެންތޯ “މިހާރު ނިއުސް” އިން ސުވާލު ކުރުމުންނެވެ. މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހާމަކުރުމަށް މިނިސްޓްރީއަށް އެންގެވީ އިންފޮމޭޝަން ކޮމިޝަނަރު އެވެ.
ނަމަވެސް މިކަމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމާއެކު ޑިފެންސް މިނިސްޓްރީން ނިންމީ އައިސީއޯއެމްގެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށެވެ. އެއަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރަށް އެ މައްސަލަ އަނބުރާ ގެންދިޔައެވެ.
މިއާއެކު ޑިފެންސް މިނިސްޓްރީން ވަނީ “މިހާރު ނިއުސް” އަށް ޖަވާބެއް ދީފަ އެވެ.
މި ޖަވާބުގައިވާ ގޮތުން އެމްއެންޑީއެފްގެ 4 ޕައިލެޓުން ޑޯނިއަރ ކޮންވާރޝަން ކޯސް ފުރިހަމަކޮށްފައި ވެއެވެ. 4 މީހުންގެ ތެރެއިން އެކަކު އެމްއެންޑީއެފްގެ ހިދުމަތުން 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ވަކިވެފައިވެ އެވެ. އިތުރު މީހަކު 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ފުރައިގެން ގޮސްފައިވެ އެވެ. މިވަގުތު އެމްއެންޑީއެފްގައި ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާ 2 ޕައިލެޓުން އެބަތިއްބެވެ.
ނަމަވެސް އެމްއެންޑީއެފްގެ އެއްވެސް ޕައިލެޓަކު މިވަގުތު ރާއްޖޭގައި އެއްވެސް އަސްކަރީ މަތިންދާބޯޓެއް އޮޕަރޭޓް ނުކުރެ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ބާކީ ތިބި ދެ ޕައިލެޓުންގެ ތެރެއިން އެއް ޕައިލެޓެއްގެ ޑޯނިއާ ރޭޓިން މާޗް 18، 2018 އަށް ހަމަވެފައިވާއިރު، އަނެއް ޕައިލެޓުގެ ރޭޓިން މާޗް 25، 2022 އަށް ހަމަވެފައިވާ ކަމަށެވެ.
ނަމަވެސް ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ޑޯނިއާ ކްރާފްޓްތައް ތިބިއިރު، އަދި ބާކީ ތިބި ދެ ޕައިލެޓުންގެ ރޭޓިން މުއްދަތު ހަމަވުމުގެ ކުރިން ޕައިލެޓުންނަށް ޑޯނިއާ ކްރާފްޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ނުދިން ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.