މާލެ – ފުނަދޫ – ހުޅުލެ މޮނޯރެއިލްއަކުން ގުޅުވާލާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މާލެ – ފުނަދޫ – ހުޅުލެ ގުޅުވައިދޭ މޮނޯރޭލްއެއް އެޅުމަށް ޗައިނާގެ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު، އަދި ބީޔޫސީޖީގެ ޖެނެރަލް މެނޭޖަރު ލޫ ވޭ އެވެ.
މި މަޝްރޫއަކީ ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިން ފައިސާ ހޯދައިގެން ހިންގާ މަޝްރޫއެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ މާލެ އާއި ހުޅުލެ ގުޅުވައިދޭ މޮނޯރޭލްއަކުން ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނެއް އުފެއްދުމަށް ރާވާފައިވާކަން ފާހަގަކުރައްވާފައެވެ. މިކަންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރަސްމީކޮށް އިއުލާން ކުރެއްވީ މިއަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.
މި މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަމުންދާ މަޝްރޫއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ވީއައިއޭގެ ތަރައްގީގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމުމާ ގާތްވެފައިވާއިރު، މިއަހަރުގެ ކުރީކޮޅު، ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ އެއާޕޯޓް ތަރައްގީ ކުރުމުގެ ތިން ވަނަ ފިޔަވަހީ ފައްޓަވައިދެއްވައިފަ އެވެ. ތިން ވަނަ ފިޔަވަހީގެ މަގުސަދަކީ އަހަރަކު 25 މިލިއަން ފަސިންޖަރުންނާއި ގަޑިއަކު 4،000 ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް އެއާޕޯޓް ތަރައްގީވުމެވެ. އަދި ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ޑޮމެސްޓިކް އެއާޕޯޓުގައި 8 ގޭޓް ވެސް ބަހައްޓާނެ އެވެ.
ރާއްޖެ - ޗައިނާ އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް