ސަރުކާރުގެ އަމަޒަކީ ރައްޔިތުންގެ ޖީބަށް ބާރުބޮޑު ނުވާނެހެން އިގްތިސޯދު ހަމައަކަށް އަޅުވުން: ޝުޖާއު

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރުން އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ ޖީބަށް ބާރުބޮޑު ނުވާނެހެން އިގްތިސޯދު ހަމައަކަށް އަޅުވުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރަށްވަމުން ނެވެ.

ޝުޖާއު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ދައުލަތުގެ މާލީ ޙާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި، ކުރީ ސަރުކާރުން ދައުލަތް ހިންގި ގޮތް އިސްލާހު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ރައްޔިތުންނަށް އިތުރު ބުރައެއް ނުވާނެ ގޮތަށް އާމްދަނީ އިތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

”ޓޫރިޒަމްގެ ދާއިރާއިން ނެގޭ ޓެކްސްތައް، އެންމެ ޕަސެންޓެއް އިތުރުކޮށްގެން އާމްދަނީ އިތުރު ކުރަމުންގޮސް، މުޅި އިގްތިސާދު ހަމައަކަށް އެޅުވުމުގެ ވިސްނުންފުޅު ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާކަން، އަޅުގަނޑުމެންނަށް މި އިސްލާހުން ހާމަވެގެން އެބަދޭ.“

ޝުޖާއު ވިދާޅުވީ، ކުރީގެ ސަރުކާރުންވެސް މި ގާނޫނަށް އިސްލާހު ގެނެސް ޓެކްސް ބޮޑުކުރި ނަމަވެސް، އޭގެ ސަބަބުން އިތުރުވި އާމްދަނީ ބޭނުންކުރެވިފައި ވަނީ އެންމެ އެކަށީގެންވާ ގޮތުގައި ނޫން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު އިންވެސްޓްމަންޓްތައް ގެންނަން ޖެހޭ ކަމަށާއި، މިފަދަ ކަންކަމަށް ފައިސާ ބޭނުންވާއިރު، އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ކުރިއަށް ގެންދަވާނީ ރައްޔިތުންނަށް އިތުރު ބުރައެއް ނުވާނެ ގޮތަށްކަން އޭނާ ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ކޮވިޑް-19ގެ ދަތި ދުވަސްވަރުގައި ލިބުނު ހިލޭ އެހީގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށާއި، މި ސަރުކާރުން ލިބޭ އާމްދަނީ އަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅާފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް 17 އިންސައްތައަށް އިތުރު ކުރުމަށެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެވެ.

މި އިސްލާހުގައި ވަނީ އަންނަ އަހަރުގެ މޭ 31 ގެ ނިޔަލަށް މިހާރުވެސް ޓީޖީއެސްޓީ ނަގަމުން އަންނަ މިންވަރުކަމަށްވާ 16 އިންސައްތައިގައި ހިފެހެއްޓުމަށް ފަހު ޖޫން 1، 2025 އިން ފެށިގެން އެ އަދަދު 17 އިންސައްތައަށް ބަދަލު ކުރުމަށެވެ.

މި އިސްލާހުތަކާއެކު އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާ އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. މި އިސްލާހު ފާސްވުމުން ޓީޖީއެސްޓީ ބޮޑު ކުރާނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ކަމުން އަންނަ އަހަރު އެ ބަދަލާއެކު އިތުރުވާނީ ހަތް މަހުގެ އާމްދަނީ އެވެ. މީގެ އިތުރުން 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށާއި 2027 ވަނަ އަހަރު 538.4 މިލިއަން ރުފިޔާ އިތުރުވާނެކަމަށްވެސް ލަފާކޮށްފައިވެ އެވެ. މިއާއެކު ތިން އަހަރު ތެރޭ ދައުލަތުގެ އާމްދަނީ ޖުމުލަ 1.07 ބިލިއަން ރުފިޔާއިން އިތުރުވާނެކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖޭގެ އިގްތިސާދީ ހާލަތު އިބްރާހިމް ޝުޖާއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ