ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވޭޕު މަނާ ކުރަން ނިންމެވުމުން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސަރުކާރަށް ތައުރީފް ކުރައްވައިފި އެވެ.
ވޭޕް މަނާ ކުރައްވަން ނިންމަވާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ އިއްޔެ ހަވީރު އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިކަމާ ގުޅިގެން ކުރީގެ ހެލްތް މިނިސްޓަރު ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.
ކުރީގެ ޔޫތް މިނިސްޓަރު މަހުލޫފް ވިދާޅުވީ މަސްތުވުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވަބާގައި ޖެހިފައިވާ އެތައް ޒުވާނުންނެއް އަދި އެތައް ކުޑަކުދިންނެއް މިއަދު ރާއްޖޭގައި ތިބިކަމީ ހަގީގަތް ކަމަށެވެ. ހާއްސަކޮށް ވޭޕުކުރާ ކުޑަކުދިން އިންތިހާއަށް އިތުރުވާކަން ސުކޫލުތަކުން ހޯދާ ވޭޕުގެ އަދަދުތަކުން ޔަގީންވާ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.
ވޭޕު ކުރުން ހުއްޓުވުމުގެ މަގުސަދުގައި ވޭޕުކުރަން ބޭނުންކުރާ ސާމާނާއި އޭގެ ވަކިވަކި ބައިތައް އެތެރެކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ނިންމެވި ނިންމުމަކީ ރަނގަޅު ކަމެއް ކަމަށް ދެކި މަރުހަބާ ކިޔަން.
ރައީސްގެ ނިންމެވުމާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނެ އެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މި ނިންމެވުމަކީ ރާއްޖޭގައި އިތުރުވަމުންދާ ވޭޕްކުރުމުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
މި ނިންމެވުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބެލެވެ އެވެ. އަދި މި މަނާކުރުން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށްވެސް ލަފާކުރެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު މަހުލޫފް