ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފި އެވެ.
މިކަން ރައީސް އ އިޢުލާނު ކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، 1 ނޮވެމްބަރ 2024 އިން ފެށިގެން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް މިހާރުގެ 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރެވޭނެ އެވެ. މީގެ އިތުރުން، މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުމަށްވެސް ވަނީ ނިންމަވާފަ އެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި، އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް އިތުރު ފިޔަވަޅުތަކެއްވެސް އެޅުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. މީގެ ތެރޭގައި ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.
އަދި ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޤައުމީ ފެންވަރުގައި ވަށާޖެހޭ ކެމްޕޭނެއް ފެށުމަށްވެސް ވަނީ ނިންމަވާފަ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ”ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން“ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ރާއްޖެއަށް ވޭޕްކުރާ ތަކެތި އެތެރެކުރުމާއި، އެ ތަކެތި ބޭނުންކުރުންވެސް މަނާކުރައްވާފަ އެވެ. އެ ނިންމެވުމާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނެ އެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެ އެވެ.
މި ފިޔަވަޅުތަކަކީ ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތު ރަނގަޅުކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.