ވޭޕް މަނާކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލަށް ޓަކައި ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕުގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވި ނިންމެވުމަކީ ވަރުގަދަ އަދި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމަށެވެ. އަދި މި ނިންމެވުމަށް މަރުހަބާ އާއި ތަހުނިޔާ އަރިސްކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ނިންމަވާފަ އެވެ. މި ނިންމެވުމާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނެ އެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ވޭޕް ބޭނުންކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ. މި ނިންމެވުމާ ގުޅިގެން ވޭޕް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އަދި ގިނަ މައިންބަފައިން ކުރަމުން އައި އިލްތިމާސްތަކަށް ސަރުކާރުން ދެއްވި ޖަވާބެއް ކަމަށްވެސް ބެލެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް