ދޮގު މަޢުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މަޢުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 149 ވަނަ އެސެމްބްލީގެ ބަހުސްގައި ތަޤްރީރުކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިފަދަ ގޮންޖެހުންތަކުން ސަލާމަތްކުރުމަށް ޤާނޫނުހަދާ މަޖިލިސްތަކުގެ މަސްއޫލިއްޔަތްތައް އަދާކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
އާ އީޖާދުތަކާއެކު އެއަށް ބޭނުންވާ ގަވާއިދުތައްވެސް އެކުލަވާލުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވި މަޖިލިސް ރައީސް ވިދާޅުވީ، އައި.ޕީ.ޔޫ. އިން ކަނޑައަޅާފައިވާ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ޤައުމުތަކުން އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ދިރާސާތައް ކުރިއަށް ގެންދަންވާނީ ނަޒާހަތްތެރިކަމާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޓެކްނޮލޮޖީ ކުރިއެރުވުމަށް ޤާނޫނުހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ފާހަގަކުރެއްވީ، ކޮވިޑުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޮންލައިންކޮށް މަޖިލިސް ކުރިއަށް ގެންދިޔަ ޤާނޫނުހަދާ މަޖިލިސްކަމެވެ. އަދި ޓެކްނޮލޮޖީއާމެދު މަޖިލީހުގެ ދައުރު އިތުރުކުރުމުގެ ގޮތުން، އައި.ސީ.ޓީ. އާ ގު ގުޅޭ ދާއިމީ ކޮމިޓީއެއް މަޖިލީހުގައި ހިމެނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، ފުރިހަމަ ޑިޖިޓަލައިޒްޑް އިޤްތިޞާދެއް އުފެއްދުމުގެ މަޤްޞަދުގައި، ޢާންމު ޚިދުމަތްތަކާއި ތިމާވެށީގެ މޮނިޓަރިންގ ރަނގަޅު ކުރުމަށް މަސްނޫޢީ ވިސްނުން ބޭނުންކުރުމަށްވެސް ރާއްޖެއިން ދަނީ ހީވާގިކަމާއެކު މަސައްކަތްކުރަމުންކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.
އައި.ޕީ.ޔޫ. ގެ 149 ވަނަ އެސެމްބްލީގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޕާލަމެންޓް މެންބަރުން ބައިވެރިވެ، ޑިމޮކްރަސީއާއި ޓެކްނޮލޮޖީއާ ގުޅޭ މުހިންމު މައުޟޫތަކަކާ މެދު މަޝްވަރާކުރަމުންދާކަން ފާހަގަކުރެވެ އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް