ވޭޕް ކުރުމަކީ ދަރިން މަސްތުގެ މަގަށް އަނބުރާލާ ކަމެއްކަމަށް ސިފަ ކުރައްވަމުން ވޭޕް ކުރުން މަނާ ކުރައްވަން ނިންމެވީތީ ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ވޭޕްކުރުން މަނާ ކުރުމަށް ރައީސް މުއިއްޒު މިއަދު ނިންމެވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިހުސާން ވިދާޅުވީ ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ މިގައުމު ތާއަބަދަށް ޝުކުރުވެރިވާނެ ގައުމީ ބޮޑު ނިންމެވުމެއް ކަމަށެވެ.
ދިވެހި ދަރިން މަސްތުގެ މަގަށް ފަސޭހަ ކަމާއެކު އަނބުރާލާ ކަމެއްގެ ގޮތުގައި އޮތް ވޭޕް ކުރުން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ މިގައުމު ތާ އަބަދަށް ޝުކުރުވެރިވާނެ ގައުމީ ބޮޑު ނިންމެވުމެއް. ޝުކުރިއްޔާ ރައީސް.
ރާއްޖޭގައި ވޭޕް ކުރުން މާނަ ކުރަން ނިންމެވިކަން ރައީސް އިޢުލާނުކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ނިންމެވުމާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނެ އެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މި ނިންމެވުމަކީ ރާއްޖޭގައި އިތުރުވަމުންދާ ވޭޕްކުރުމުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
މި ނިންމެވުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބެލެވެ އެވެ. އަދި މި މަނާކުރުން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށްވެސް ލަފާކުރެވެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު