ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
މިކަން ރައީސް އިޢުލާނުކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ނިންމެވުމާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނެ އެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މި ނިންމެވުމަކީ ރާއްޖޭގައި އިތުރުވަމުންދާ ވޭޕްކުރުމުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
މި ނިންމެވުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބެލެވެ އެވެ. އަދި މި މަނާކުރުން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށްވެސް ލަފާކުރެވެ އެވެ.