ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫ ގޭގެ މުވައްޒަފުންގެ ތަފްސީލުތައް ހާމަ ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
241 ކޮމިޓީން މިގޮތަށް ނިންމީ އެ ކޮމިޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މިއަދު ހެނދުނުވެސް ވަނީ މުރައިދޫ ގޭގެ މަވައްޒަފުންގެ އަދަދާއި މުސާރައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެކޮޅު، މުރައިދޫގޭގައި ތިއްބަވާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލު ހޯދުމަށް އެކިއެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތަކާ ގުޅިގެން މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީއަކާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
ހެނދުނު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމާފައިވަނީ މުރައިދޫ ގޭގެ މުވައްޒަފުންގެ މައުލޫމާތުތައް ހާމަ ނުކުރުމަށެވެ. މިނަމަވެސް އަދު ހަވީރު ބޭއްވި ބައްދަލުވުމުގައި 241 ކޮމިޓީން ވަނީ މުރައިދޫ ގޭގެ މުވައްޒަފުންގެ އަދަދާއި މުސާރައިގެ މައުލޫމާތުތައް ހާމަ ކުރުމަށް ނިންމާފަ އެވެ.
ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ ކުރިން ނިންމި ނިންމުން މުރާޖާ ކުރަން ޖެހޭ ކަމަށެވެ. މި ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ މުރައިދޫގޭގެ މައުލޫމާތުތައް ހޯދުމަށް އެދިފައިވާ ފަރާތްތައް އެދުނު ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް ހުށަހަޅުއްވާފައެވެ. ފަލާހުގެ ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ތާއީދުކުރައްވާފަ އެވެ.
241 ކޮމިޓީން ވަނީ ފަލާހުގެ ހުށަހެޅުން ފާސްކޮށްފަ އެވެ. މި ހުށަހެޅުން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ މެންބަރެއް ފިޔަވާ އެހެން މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.
241 ކޮމެޓީ ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް