މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މުވައްޒަފަކަށް ގަނާ ކުރާ ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން ބަލަމުންދާ ކަމަށް ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލްކްސްގައި މަސައްކަތް ކުރާ މިފްކޯގެ މުވައްޒަފަކަށް ގަނާ ކުރަމުންދާ ކަމަށް ދެކެވޭ ވާހަކައެއް ފެތުރެމުންދާ ކަމަށެވެ.
”ކޫއްޑޫގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގަނާ ކުރަމުންދާ މައްސަލައެއް މި ކުންފުނިން ދަނީ ބަލަމުން“
މި މައްސަލަ ފުރިހަމައަށް ބެލުމަށްފަހު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެކުންފުނިން އަޅާނެ ކަމުގެ ޔަގީންކަން އަރުވާފައި ވެއެވެ.
މުވައްޒަފުންނަށް ގަނާ ކުރުމާއި އެނޫންވެސް ފުރައްސާރައިގެ އަމަލުތަކަކީ މިފްކޯއިން ބަލައިނުގަންނާނެ އަމަލުތަކެއް ކަމަށްވެސް މެސެޖްގައި ބުނެފައި ވެއެވެ.
މި ތުހުމަތުތައް އެންމެ ފުރަތަމަ ފެތުރިފައިވަނީ ގަނާގެ ޝިކާރައަކަށްވީ ކަމަށް ބެލެވޭ ފަރާތުގެ ތިމާގެ މީހެއް ފޭސްބުކްގައި ކުރި ޕޯސްޓަކަށްފަހު އެވެ.
އަންހެން މީހާ ބުނި ގޮތުގައި އެ މުވައްޒަފަކީ ލޮލުގެ ފެނުން ދަށް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާ ބުނީ އެމީހާއަށް މެދުނުކެނޑި އުނދަގޫތަކާއި މަލާމާތްކުރުން އަމާޒުވާ ކަމަށެވެ. އަދި އޭނާގެ އެކުވެރިންގެ ގްރޫޕަކުން ޖިސްމާނީ އަނިޔާތައްވެސް ކުރިމަތިވެފައިވާ ކަމަށެވެ.
އެ އުނދަގުލުގެ ސަބަބުން އެ މުވައްޒަފު ކެންޓީނުގައި ކަނީވެސް އެހެން މީހުންނާއި އެކަހެރިވެގެން ކަން ޕޯސްޓުގައި ފާހަގަކޮށްފައި ވެއެވެ.
”ބައެއް ދުވަހު ދިމާކުރާތީ ކާން ގޮސްފައި ނުކާ އަނބުރާ ދަން. ބައެއް ދުވަހު ދިމާކުރާނެކަން ޔަގީންވާތީ ބަނޑުހައިވިޔަސް ގަސްތުގައި ނުކައި ހުންނަން“
ގްރޫޕް މަސައްކަތްތެރިން އޭނާގެ ބޮލުގައިވެސް ޖަހާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އެ އަންހެންމީހާ ބުނީ މިފްކޯގެ އެމުވައްޒަފަކީ ފިޓްޖެހުމުގެ އުނދަގޫތައް ކުރިމަތިވާ ފަރާތެއް ކަމަށާއި މިފްކޯގައި މި ލިބެމުންދާ އަނިޔާގެ ސަބަބުުން އޭނާގެ ހާލަތު އިތުރަށް ގޯސްވާ ކަމަށް މައުލޫމާތު ދީފައި ވެއެވެ.
އޭނާ ކިޔާދީފައިވާ ގޮތުގައި އޭނާގެ ދޮންބެއަށް ގަނާ ކުރާ މީހުންނަށްވުރެ ކުރިން ނުވަތަ ލަހުން ކޫއްޑޫއަށްދާ ފެރީއަށް އަރައިފިނަމަ އެމީހުން އެކަން މައްސަލައަކަށް ހަދާ ކަމަށެވެ. އަދި މަސައްކަތަށް ނުކުމެ އެމީހުންނަށްވުރެ ކުރިން ފިންގާ ޖަހައިފިއްޔާ އެކަމާއި ގުޅިގެންވެސް އުނދަގޫ ކުރާ ކަމަށް ބުނެފައި ވެއެވެ. އަދި ދުރުން ފެނުނަސް، ފުރައްސާރަކުރުމުގެ ގޮތުން ހިތްނުރުހޭ އެތައް ނަންތަކުން ގޮވާ ހަދާ ކަމަށް މިފްކޯގެ މުވައްޒަފާއި ހަވާލާދީ އޭނާގެ ކޮއްކޮ ލިޔުނު ޕޯސްޓުގައި ބުުނެފައި ވެއެވެ.
”މިއީ އަހަރެންގެ ދޮންބެގެ ވާހަކަ. އަހަަރެން ހަދަންވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެ މީހުންނަށް ރަނގަޅު އެއްގޮތެއް ވެސް ނޯވެއެވެ،“ އެ ޕޯސްޓުގައި ބުނެފައި ވެއެވެ.