ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރުން ހޭދަކޮށްފައިވަނީ 2،455،583.01 ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި މީގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސަކު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި ހަރަކާތްތެރިވެ ނޫޅުއްވާ މިންވަރަށް ރާއްޖޭއަށް ފަހިވާނެ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަށާއި އަދ. ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ކުރެއްވި ތަގުރީރަށް ރާއްޖޭގެ މީޑިއާއާއި ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެން ދިޔަކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރި އިރު ރައީސް އޮފީހުން ބުނެފައިވަނީ މި ފަހަރުގެ ދަތުރުފުޅުގައި ސަރުކާރުން ކުރި ހަރަދު ވަނީ މީގެ ކުރީ 2 ފަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ކުޑަ ކުރެވިފައި ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅަށް 4.17 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރި އިރު 2021 ވަނަ އަހަރު ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅަށް ސަރުކާރުން 5.34 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތަކެއް ކުރިއަށް ގެންދެވި އެވެ.
ރައީސް މުއިއްޒު ބައްދަލު ކުރެއްވި ބޭފުޅުން:
- އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް
- ޗައިނާގެ ހާރިޖީ ވަޒީރު ވަންގ ޔީ
- ކުވޭތުގެ ވަލީއަހުދު ޝައިހު ސަބާހް އަލް ހާލިދު އަލް ހަމަދު އަލް މުބާރަކް އަލް ސަބާހް
- ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަ ލަޔަން
- ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާދު އަލް ސައޫދް
- އޮމާންގެ ހާރިޖީ ވަޒީރު ސައްޔިދު ބިން ހަމަދް ބިން ހަމޫދް އަލް ބުސައިދީ
- ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާސް
- ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް
- ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ އެޑްމިނިސްޓްރޭޓަ ސަމަންތާ ޕަވާ
- ސިންގަޕޫރުގެ ހާރިޖީ ވަޒީރު ޑރ. ވިވިއަން ބާލާކްރިޝްނާން
- ދަ ކޮމޮންވެލްތް އޮފް އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕެނީ ވޮންގް
- ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސް
- ޔޫއޭއީގެ ބޮޑު ވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝައިހު އަބްދުﷲ ބިން ޒާއިދު އަލް ނަހްޔާން
- ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ހާރިޖީ ވަޒީރު އަދި ރޭސިން މިނިސްޓަރު ވިންސްޓަން ޕީޓާސް
މީގެ އިތުރުން ރައީސް މުއިއްޒުވަނީ ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގެން މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ. އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ތަގްރީރު ކުރެއްވީ މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒެވެ.
ރައީސް މުއިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕްރިސްޓަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވާފައިވެ އެވެ. އަދި އެ ޔުނިވާސިޓީގެ ދަރިވަރުންނާއި މުދައްރިސުންނާއެކު ’ފަޔަސައިޑް ޗެޓް‘ އަކާއި ސުވާލާއި ޖަވާބު ސެޝަނެއްވެސް ވަނީ ކުރިއަށް ގެންދަވާފަ އެވެ.
ޕްރިސްޓަން ޔުނިވާސިޓީގެ އިތުރުން ނިއުޔޯކުގައި ހުންނަ ގޫގްލްގެ އޮފީހަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ބޭނުންވާ މުހިންމު ކަންކަމާމެދު މަޝްވަރާ ކުރައްވާފަ އެވެ. އަދި ނިއުޔޯކާއި ކައިރި ހިސާބުތަކުގައި ތިބި ދިވެހިންނާ ބައްދަލުކުރައްވާ ހާލު ބައްލަވާ އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް ރައީސް މުއިއްޒު ވަނީ އޮޅުންފިލުއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް އދ އެމެރިކާ