ކ. ތުލުސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން މެކޭނިކަލް ޓްރެއިނިން ސެންޓަރެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މި ހަބަރު ”ޖަވިޔަނި“ އަށް ކަށަވަރުކޮށްދެމުން ސްޓެލްކޯއިން ބުނީ މި މަރުކަޒު ގާއިމް ކުރުމުން ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުމުގެ ބަދަލުގައި ރާއްޖެއިން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނު ކުރެވޭނެ ކަމަށެވެ.
ސްޓެލްކޯއިން މައުލޫމާތުދޭ ގޮތުގައި ކޮންމެ އަހަރަކުވެސް 4 ވަރަކަށް މުވައްޒަފުންނެއް ތަމްރީން ކުރުމަށް ރާއްޖެއިން ބޭރަށް ސްޓެލްކޯއިން ފޮނުވަމުންދިޔަ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ތަމްރީން މަރުކަޒެއް ހެދުމުން އެކަމަށް ދާ ހަރަދު ކުޑަކުރެވޭނެ ކަން ފާހަގަކުރި އެވެ.
ތުލުސްދޫގައި ޓްރެއިނިން ސެންޓަރު އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. މި ސެންޓަރުގައި އެއްފަހަރާ 100 މީހުން ތަމްރީނު ކުރުމުގެ ގާބިލްކަން ހުންނާނެ އެވެ. ޓްރެއިނިން ހޯދާ ފަރާތްތަކަށް އެކޮމޮޑޭޝަން އިންތިޒާމް ވެސް މި ސެންޓަރުގައި ކުރިއަށް ގެންދާނެ އެވެ. އަދި ޓްރެއިނިން ރޫމްތަކާއި އިލެކްޓްރިކަލް ޓްރެއިނިން ރޫމްތަކާއި ކޮންޓްރޯލް ޓްރެއިނިން ރޫމްތަކާއި މެކޭނިކަލް ޓްރެއިނިން ރޫމްތައް ވެސް ގާއިމް ކުރާނެ އެވެ. އެކަން ކުރަންޖެހޭ ހާލަތެއްގައި އެ ސެންޓަރުގައި ބޭނުންކުރެވޭ އެމްވީއެޗްވީ ރޫމްތައް ވެސް ހުންނާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދީފައި ވެއެވެ.
އެ މަރުކަޒުގައި ކިޔަވަން ބޭނުންވާ ފަރާތްތަކުން ފޯމު ފޮނުވަން ޖެހޭނީ ސްޓެލްކޯ އަށެވެ. ވަކި ކޯސްތަކެއްގައި ނަންނޯޓް ކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއަށް އެޕްލިކޭޝަން ފޮނުވަން ޖެހޭ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. ސްޓެލްކޯއިން މި ކޯސްތައް ހިންގާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާއި ގުޅިގެން ނެވެ.
ކަރިކިއުލަމް މެދުވެރިކޮށް މިއީ އެމްއެންޔޫއިން ސެޓްފިކެޓް ދީފައިވާ ކޯހަކަށް ނުވަތަ އެމްކިޔުއޭގައި ބަލައިގަންނަ ކޯހަކަށް ވެގެންދާނެކަމުގައި މީގެ ކުރިން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ”ޖަވިޔަނި“ އަށް ވިދާޅުވެފައި ވެއެވެ.
ސްޓެލްކޯގެ އަމާޒަކީ މި ތަމްރީނު މަރުކަޒުގައި ކޮންމެ އަހަރަކު 300 މީހުން ތަމްރީނު ކުރުމެވެ.