ފަޅުރަށް ހޯދަން ހުށަހެޅި ކައުންސިލު ޕްރޮޕޯސަލްތައް ރިވިއު ކުރައްވަމުން ގެންދަވާ ކަމުގައި ލޯކަލް ގަވަމެންޓާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅުއްވައި، ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.
“ކައުންސިލުތަކަށް ފަޅު ރަށް ލިބޭ އުސޫލު އެކުލަވާލައްވާ، އުސޫލުގެ ދަށުން ކައުންސިލްތަކުން މިހާރު އަންނަނީ ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅަމުން. އަދި ޕްރޮޕޯސަލްތައް މިހާރު ދަނީ ރިވިއު ކުރަމުން.”
އެއާއެކު، ރަށުން ނަގާ ޓެކްސްގެ 10% ކައުންސިލްތަކަށް ލިބޭނެ ނިޒާމެއް މި ސަރުކާރުން އިއުލާންކުރެއްވިކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ކައުންސިލުތައް ބާރުވެރިކުރުވުމުގެ މަގްސަދުގައި ކައުންސިލްތަކުގެ އުމްރާނީ ހާލަތު އަމިއްލަފުޅަށް ބައްލަވައި، 50 ކައުންސިލް އިދާރާ އެޅުއްވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދީ ކޮންޓްރެކްޓަރ ފައިނޭންސް ގެ ދަށުން 55 ކައުންސިލް އެޅުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް ރިވިއުކޮށް އިކޮނޮމިކް ކައުންސިލްއަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ވަޒީރުގެ ޓްވީޓްގައި ހާމަކުރެއްވި އެވެ.
“ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވަވާ. ތަފާތު ކުރުމެއްނެތި މި ސަރުކާރުން ހުރިހާ ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުން ދީ، ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ މަގުފަހިކޮށްދޭ. އެކަން އެ ދަނީ މީޑިއާ ގައި ހާމަވަމުން”
މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވާއިރު އޮގަސްޓް މަހުގައި ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައިވާ ފަޅުރަށްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއްވެސް ހިންގާފަ އެވެ.
މި ޕްރޮގްރާމުގައި ފަޅުރަށް ހޯދުމަށް އެދި ހުށަހަޅައި ޕްރޮޕޯޝަލްގައި ހިމަނަން ޖެހޭ ބައިތައް ވަރަށް ތަފްސީލުކޮށް ވަނީ އޮޅުން ފިލުވައިދެވިފަ އެވެ. އަދި އެ ޕްރޮޕޯޝަލްގައި ހިމެނޭ ބައިތައް ފުރިހަމަކުރަން ޖެހޭ ގޮތްތައް ވެސް މިސާލާއެކު ޕްރޮގްރާމުގެ ބައިވެރިންނަށް އިއްޔެގެ ސެޝަންގައި އޮޅުންފިލުވައިދެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި ކައުންސިލުތަކަށް ޖުމްލަ 28 ރަށެއް 25 އަހަރުގެ މުއްދަތަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި 28 ރަށަކީ:
- ހދ. ފަރިދޫ
- ރ. ކުޑަތުޅާދޫ
- ތ. ކަކޮޅަސް
- ހދ. ހިރިނައިދޫ
- ބ. މާއްޑޫހުޅުދޫ
- ލ. ކަނޑަރު
- ށ. ނަރުރިނބުދޫ
- ބ. ގާވިލިނގިލި
- ލ. ބޮޑުމާބުޅަލި
- ށ. މިގޫދޫ
- ބ. ދަކަންދޫ
- ގއ. ވިލިގަލާ
- ށ. ގައްލައިދޫ
- މ. މާހުރާ
- ގއ. މުނަންދުވާ
- ނ. ދީފުރަމް
- ފ. މަކުނުއެރި
- ގދ. މާނައިދޫ
- ނ. އިނގުރައިދޫ
- ދ. ފެންފުށި
- ގދ. އާކިރަހުއްޓާ
- ރ. ހިބޫދޫ
- ދ. މިނިމަސްގަލި
- ގދ. ވާރެޔަދުވާ
- ރ. ހުޅުދޫ
- ދ. މިނިމަސްގަލި
- ގދ. ލޮނުދޫ
- ރ. ނެޔޮ
- ތ. ފެންމީރުފުށި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް