މާލެއިން ބިމެއް ވިއްކި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓްރީގެ ދެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނެފައިވަނީ، މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯފައިދީފައިވާތީ، 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ އޭރުގެ އިސް ދެވެރިއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވަނީ 2024 ސެޕްޓެމްބަރު 3 ވަނަ ދުވަހު ކަމަށެވެ.
އޭސީސީން ދައުވާ ކޮށްދިނުމަށް އެދިފައިވާ ފަރާތްތައް:
- ހައުސިން މިނިސްޓްރީގެ ކުރީގެ ނައިބު؛ ނާއިފު ޝައުކަތު، ހ. އަގޮސްޓާ، މާލެ
- ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓާ؛ ހަސަން ވަހީދު، ދަފްތަރު 12537، މާލެ
މި ދެމީހުންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނެފައިވަނީ، މި މައްސަލައިގައި އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެބިން ގަތުމަށް އެދުނު ނަމަވެސް، އެބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށެވެ. އެ ނިންމުން އެގޮތަށް ނިންމާފައިވަނީ އޭރު އަމަލުކުރަމުންދިޔަ ”ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު“އާއި ހިލާފަށް ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށާއި އަދި އެ ބިން ގަތުމަށް ހުށަހެޅި ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތުވެސް ވަޒަން ކޮށްފައި ނުވާކަން ތަހުގީގަށް ހޯދިފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.
މިކަމުގައި ހަސަން ވަހީދު އަދި ނާއިފު ޝައުކަތު އަމަލު ކޮށްފައިވަނީ، އެ ބިން ގަތް ފަރާތަށް ނާޖައިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އެ އަމަލުތަކުގެ ސަބަބުން އެ ފަރާތަށް ނާޖައިޒު މަންފާއެއް ހޯދައިދެވިފައިވާކަން ތަހުގީގަށް ހޯދި ހެކިޤަރީނާއިން އެނގޭ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)