ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ބޭންކަށް ލައިސެންސް ދޫކޮށްފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިގޮތަށް ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ސައީދު ވަނީ ރާއްޖެ އިން ޑިވެލޮޕްމަންޓް ބޭންކިންގގެ ފުރަތަމަ ލައިސަންސް ލިބުމަކީ ލިބުނު ޝަރަފެއް ކަމުގައި ވިދާޅުވެފަ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ މެނިފެސްޓޯގައި ތަސައްވުރު ކުރައްވައި، ކަނޑައަޅުއްވާފައިވާ އިގްތިިސާދީ ތަރައްގީގެ ތަސައްވުރުގައި ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވެފައި ވެއެވެ.
މި ބޭންކްގެ ހިދުމަތް ފެށުމުން، އިގްތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން، މި ބޭންކްގެ ހިދުމަތް 12 އޮކްޓޫބަރު 2025 ގެ ނިޔަލަށް ފަށަން ޖެހޭ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.
“މި އޮތޯރިޓީއިން ދެކޭ ގޮތުގައި މި ބޭންކް ހުޅުވުމަކީ ދިވެހިރާއްޖޭގެ މަލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް”
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހު އެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މަސައްކަތްތަކަށް އިންވެސްޓް ކުރުމަށް ދައުލަތުގެ ސިޔާސަތުތަކާ އެއްގޮތަށް ގާއިމްކުރާ ބޭންކެކެވެ. މި ބޭންކުން ސަރުކާރުން އިސްނަގައިގެން ހިންގާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ވެސް ފައިސާ ހޯދުމަށް ހަމަޖެހިފައި ވެއެވެ. އަދި ސިންޑިކޭޝަން ފައިނޭންސިން މެދުވެރިކޮށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ވެސް ސަރުކާރުން އަމާޒު ހިފާފައި ވެއެވެ.