ބެލްކަނީއަކުން ވެއްޓިގެން މަރުވި ވިފާގް އިބްރާހީމް އަދްނާންއަކީ ޖިންސީ ގޯނާއެއް ލިބިފައިވާ ފަރާތެއް ނޫން ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ މިއަދު އެ ހާދިސާގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ނެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެމުން ފުލުހުން ބުނީ ވިފާގަކީ ޑިޕްރެޝަނަށް ބޭސް ކުރަމުންދިޔަ ކުއްޖެއް ކަމަށް އޭނާގެ މެޑިކަލް ރިކޯޑުން ހާމަވެގެންދާ ކަމަށެވެ. އެގޮތުން، އޭނާގެ ފޮރެންސިކް ރިޕޯޓް އިން ވިފާގްއަކީ ބިކުރުވެރި ހާލަތުގައި ހުރި ކުއްޖެއްކަން ހާމަވެގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ވިފާގް ނަފްސާނީ ބައްޔަށް ހޯދި ފަރުވާތަކުގެ ރިޕޯޓުތަކުންވެސް އެއްވެސް ކަހަލަ ޖިންސީ ގޯނާއެއް ކުރިމަތިވިކަމަށް ވިފާގް ބުނެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވިފާގް އިމާރާތަކުން ވެއްޓި މަރުވުމުގެ ހާދިސާ ހިނގާފައިވަނީ އޮގަސްޓް 14 ގަ އެވެ. ފުލުހުން ބުނީ ވިފާގް ވެއްޓުނީ ކަސްޓަމްސް ސަރަހައްދުގައި ހުރި އިމާރާތެއް މަތިން ކަމަށެވެ. ވިފާގް ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް ފުލުހުން އޭރު އިލްތިމާސްކޮށްފައި ވެއެވެ. ނަމަވެސް، ޗެނެލް 13 މީޑިއާއިން މި ހާދިސާއާއި ގުޅުންހުރި ޑޮކިއުމެންޓްރީއެއް ތަފްސީލްކޮށް ގެނެސްދިނުމުން އާއިލާއިން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްދީފައި ވެއެވެ. ވީމާ، އެ މައްސަލަ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށްވެސް ހުށަހަޅާފަ އެވެ.
ވިފާގްއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ ދޮން ދަރިކަލުން ނެވެ.