އަލިފުށި ޓިވެޓް ސެންޓަރުގެ މަސައްކަތް ނިމުމަކާ ގާތަށް، އަންނަ އަހަރު ކިޔަވައިދޭން ފަށާނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރ. އަލިފުށި ޓިވެޓް ސެންޓަރާއި އެކަމޮޑޭޝަނާއި ރިކްރިއޭޝަން ބްލޮކްގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލެވިފައިވާ ކަމަށާއި، އެ ސެންޓަރުގައި އަންނަ އަހަރުގައި ކިޔަވައިދޭން ފެށޭނެ ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މަތީ ތައުލީމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ގާއިމުކޮށް، ރައްޔިތުންނާ ގާތުން މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ނެވެ. ރ. އަލިފުށީގައި ގާއިމުކުރާ ޓިވެޓް ސެންޓަރ (ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް) މަޝްރޫއުގެ 89 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

މިނިސްޓްރީން ބުނީ އަލިފުށީގައި ގާއިމުކުރާ މި ޓިވެޓް ސެންޓަރުގެ މަސައްކަތް ފުރިހަމަކުރެވި، ކިޔަވައިދޭން ފެށޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.

މި ސެންޓަރުގައި، ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ޓިވެޓް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ”ޓްރާންސިޝަން 360“ – ޓިވެޓް ސްޓޫޑެންޓް އިންކިއުބޭޝަން ޕްރޮގްރާމަކާއި، ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ އިތުރުން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ރާވާފައިވެ އެވެ.

މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައިބަރގްލާސް ބޯޓްބިލްޑިންގ، އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ތަފާތު ޓެކްނިކަލް ވޮކޭޝަނަލް ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނެ އެވެ.

މިނިސްޓްރީން ބުނީ އަލިފުށީގައި ގާއިމުކުރެވެމުންދާ ޓިވެޓް ސެންޓަރުގެ އިންސްޓިޓިއުޓް ބްލޮކްގެ އިމާރާތްކުރުމުގެ މަސައްކަތުގެ 95 އިންސަައްތަ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. މި މަރުކަޒަށް ބޭނުންވާ ފަރުނީޗަރާއި، ވޯކްޝަޕްތަކަށް ބޭނުންވާ އެކިކަހަލަ މެޝިނަރީސް/ޓޫލްސް އަދި އެހެނިހެން ތައުލީމީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.

މި މަޝްރޫއު ފުރިހަމަވުމުން، ރ. އަތޮޅަށާއި މުޅި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއަށް ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބިުނެފައިވެ އެވެ. ރަށުން ބޭރުން ކިޔެވުމަށް އަންނަ ދަރިވަރުންނަށް މި ރަށުގައި ގާއިމުވެ ތިބެގެން ތައުލީމް ހާސިލްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެކަމަޑޭޝަން ބްލޮކެއްގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ. މި ބްލޮކްގެ %80.14 މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިންގުމަށް ހާއްސަ ރިކްރިއޭޝަން ބްލޮކެއްގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ. މި ބްލޮކްގެ %75 މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ރ. އަލިފުށި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ