ދިވެހި ސަރުކާރުން އެޅި މާލީ އިސްލާހުތަކުގެ ސަބަބުން 2028 ވަނަ އަހަރު އިގްތިސާދަށް 5.8 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންދާޒާ ކުރައްވައިފި އެވެ.
ޒަމީރު މި އަންދާޒާ ހިއްސާ ކުރައްވާފައިވަނީ ބެންގަލޫރުގައި ބޭއްވި ވިޔަފާރި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މި ފޯރަމް ބާއްވާފައިވަނީ ނިމިދިިިޔަ ހަތްގާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ތެރެއިން ނެވެ.
މި ފޯރަމްގައި ޒަމީރު ވަނީ މާލީ އިސްލާހުތަކާއި އާ އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަށް އަލިއަޅުވާލައްވާފަ އެވެ. މިނިސްޓަރ ވަނީ ސަބްސިޑީތަކަށް އަމާޒުކޮށްގެން ދައުލަތުގެ ވިޔަފާރިތައް އިސްލާހުކުރުމާއި އާސަންދަ ސްކީމްގެ ދަށުން އިސްރާފު ކުރާ ހަރަދުތައް ކުޑަކުރުން ހިމެނޭ ގޮތަށް ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ސަރުކާރުގެ ހެލްތު އިންޝުއަރެންސް ’އާސަންދަ‘ ސްކީމްގެ ތެރެއިން ސަބްސިޑީތަކަށް އަމާޒުކޮށްގެން ހަރަދުތައް ކުޑަކުރުމާއި ސަރުކާރުގެ ވިޔަފާރިތަކުގެ ހަރަދު ކުޑަކުރުމާއި އިސްރާފު ކުރާ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ވަކި ސިޔާސަތެއްގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތައް އެކުލަވާލައި، ސަބްސިޑީ ދިނުމުގައި އެކަަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ. އަދި އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ގޯސްތައް ހައްލުކުރުމުގެ އިތުރުން ދައުލަތުގެ ކުންފުނިތައް އިސްލާހު ކުރުމުގެ ޕްލޭންތައްވެސް ހާމަކުރެއްވި އެވެ. އޭގެއިތުރުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވި އެވެ.
ޕްރައިވެޓް ސެކްޓާ ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭ ކަންކަމަށް އަލިއަޅުއްވާލައްވައި، ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތައް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިކަން ހާސިލްވުމާއެކު އަންނަ އަހަރާއި 2028 ވަނަ އަހަރާ ދެމެދު ރާއްޖޭގެ އިގްތިސާދު 5.8 އިންސައްތައިން ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަން ހާސިލް ކުރެވޭނީ އެތައް ސިނާއަތެއް ފުޅާކޮށްގެން ކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން، އާ މަހުގެ އުފެއްދުންތައް އުފެއްދުމަށް އިސްކަންދީ، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިތުރު 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކުރުމަކީ ވެސް ފަތުރުވެރިކަމުގެ ދާއިރާއަށް އާ އިންވެސްޓްމަންޓްގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއިން ވަނީ ބޭރުގެ ފަރާތްތަކަށް ސެކިއުރިޓީޒްގައި އިންވެސްޓްކުރެވިދާނެ ގޮތަށް މާލީ ސެކއިުރިޓީއާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އަދި ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއް 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރަން ބޭރު ފައިސާއާއި ބެހޭ ގަވާއިދަށްވެސް ބަދަލު ގެނެސްފައި ވެއެވެ.