މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޔޫރަޕުގެ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިޓަލީން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުތައް ލައްކައަކަށްވުރެ މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،531،707 ފަތުރުވެރިންނެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ޗައިނާއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ޔޫރަޕުގެ ހަތަރު ގައުމަކުން އައި ފަތުރުވެރިންގެ އަދަދު ލައްކައިން މައްޗަށް އަރާފައިވެ އެވެ. އެގޮތުން ރަޝިޔާއިން 167،223 ފަތުރުވެރިން އައިސްފައިވާއިރު، ޔޫކޭއިން 128،883 ފަތުރުވެރިން، ޖަރުމަނުވިލާތުން 111،597 ފަތުރުވެރިން އަދި އިޓަލީން 108،463 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ލައްކައާ ގާތްކޮށްފަ އެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަދިވެސް ދަނީ ކުރިއަރަމުންނެވެ. ޚާއްޞަކޮށް ޔޫރަޕުގެ މާކެޓްތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ހިތްވަރެކެވެ.