ނިމިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 82 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން ކޮންމެ މަހަކު އާންމުކުރާ ތަފާސްހި ސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް މުދަލު ޒަކާތުން 8.7 މިލިއަން ރުފިޔާ ހޯދިފައިވެ އެވެ. މިއީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 2.8 މިލިއަން ރުފިޔާ އަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
ސެޕްޓެމްބަރު 30 ގެ ނިޔަލަށް ލިބުނު މުދަލު ޒަކާތުގެ ޖުމްލަ ފައިސާގެ އަދަދަކީ 82.5 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 70 މިލިއަން ރުުފިޔާއާއި އަޅާބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެވެ.
މުދަލު ޒަކާތުގެ ނިސާބް ނުވަތަ ތެރެސްހޯލްޑް އަދަދު އެންމެ ފަހުން އިސްލާމިކް މިނިސްޓްރީން ބަދަލުކުރީ މިދިޔަ މެއި މަހު އެވެ. އެ އަދަދު ވަނީ 9،353.40 ރުފިޔާ އަށް މަތިކޮށްފަ އެވެ.
މުދަލު ޒަކާތަކީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނަކު އަހަރެއްހާ ދުވަހު ވަކި މިންވަރަކަށް މުދާ ބަހައްޓާފައި ހުރުމުން ޒަކާތް ހައްގުވާ މީހުންނަށްޓަކައި އަދާކުރަން ވާޖިބު ޒަކާތެކެވެ.
އެހެންކަމުން އަހަރަކަށްވުރެ ގިނަ ދުވަހު 9،353.40 ރުފިޔާގެ ސޭވިންގްސް ރައްކާކޮށްފައިވާ މީހުން، އޭގެއިން 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ.
ރާއްޖޭގެ މުދަލު ޒަކާތުގެ ނިސާބު ހިސާބުކުރަނީ ބާޒާރުގައި ހުންނަ ރިހީގެ އަގަށް ބަލާފަ އެވެ.
ރިހީގެ އަގު ކަނޑައަޅަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނެވެ.