މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި އެޕާޓީން، މާލެސިޓީގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކުރީ ދުއްތުރާ ކަމަށް ވިދާޅުވެ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މެންބަރު އާޒިމް މިފަދައިން ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދިޔަ ’ލާމަރުކަޒީ ގުޅުން‘ ކޮންފަރެންސްގައި ހިނގާދިޔަ ކަމަކާ ގުޅުވަ އެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު އާޒިމް އަބްދުލްއަޒީޒް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މާލެސިޓީގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް މުއިއްޒުއަށް ދުއްތުރާކޮށް ސަރުކާރުގެ ތެރެއިން ފިއްތުންތައް ކުރިމަތިކޮށް ހެދި ކަމަށެވެ. އަދި އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމުގެ މަންމައާއި ބައްޕަ ކަމަށް ކިޔައިގެން އަދިވެސް މޮޅެތި ސްޓަންޓް ޖައްސަން އުޅުމަކީ ލަދު ކުޑަ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީން އިއްޔެ ކުރިއަށް ގެންދިޔަ ’ލާމަރުކަޒީ ގުޅުން‘ ކޮންފަރެންސްގައި މާލެސިޓީ މޭޔަރު އާދަމް އާޒިމް ވަނީ ސަރުކާރުގެ ފަރާތުން ކައުންސިލަށް އެއްބާރުލުން ލިބޭކަމަށާއި އެއްވެސް ދައްޗެއް ކުރިމަތި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭނުންވި އަދަދަށް ކައުންސިލަށް ކޮންސަލްޓަންޓުން ނެގުމުގެ ފުރުސަތުވެސް ލިބުނު ކަމަށާއި މަގާމަށް ނަގާފައިވަނީ އެމްޑީޕީގެ މެންބަރުން ކަމަށްވެސް ވިދާޅުވި އެވެ.
އާޒިމްގެ މި ވާހަކަތަކާ ގުޅިގެން އެ ކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ، ސޯޝަލް މީޑިއާގައި އެ ވާހަކަތައް ހިއްސާ ކުރާއިރު ޕާޓީގެ ފަރާތްތަކަށް ވަޒީފާދިން ވާހަކަ ނުހިމެނުމަށް އެދިފަ އެވެ. ފައްޔާޒް މިހެން ބުނާ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފައްޔާޒްއަށް އަމާޒުވެފަ އެވެ.
ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް މާލެ ސިޓީ ކައުންސިލް