މެލޭޝިއާގައި އިއްޔެ ނިމުނު މެލޭޝިއަން އިންޓަނޭޝަނަލް އަލްގުރުއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ދަރިވަރު ފާތިމަތު ޝާޔާ ޒާހިރަށް މުޅި މުބާރާތުން ތިން ވަނަ ލިބިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީ އިން މިކަން ހާމަކޮށްފައި ވަނީ، ރައީސް އޮފީހުގެ ’ސަރުކާރު‘ ވެބްސައިޓުގައި ޝާއިރުކުރި ހަބަރެއްގަ އެވެ.
މެލޭޝިއާގައި އިއްޔެ ނިމުނު ގުރުއާން މުބާރާތަކީ 64 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް އަލްގުރުއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ މުބާރާތެވެ.
އިސްލަމިކް މިނިސްޓްރީއިން ބުނީ، މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ވަދަކޮށްފައިވާ ކަމަށެވެ.
ޝާޔާއަކީ އިސްކަންދަރު ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. ޝާޔާ ޤުރުއާން ހިތުދަސްކުރައްވާފައި ވަނީ އުމުރުން އެންމެ 10 އަހަރުގަ އެވެ. އަދި ޝާޔާ ހޯދި ކާމިޔާބީއަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މަރުހަބާ ދަންނަވާފަ އެވެ.