ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފްލެޓު ލިސްޓު އާންމު ކުރުމަށް ކުރަން ޖެހޭ މަސަައްކަތްތައް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. މި މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނެފައިވަނީ ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައި ވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާ ކަމަށެވެ.
ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
މި މައްސަލައިގައި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމުން، ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއްވެސް ޝައްކަތެއް ނެތް މިންވަރަށް ޝަރުތުތައް ހަމަވާނަމަ އެ މީހަކު ފައިނަލް ލިސްޓުގައި ހިމެނޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ޝަރުތު ހަމަވޭތޯ ބެލުމުގައި ވެސް ބަލަން ޖެހޭ ކަންކަން އިތުރަށް ބަލައި އެންމެ އިންސާފުވެރިކޮށް އެ ލިސްޓު ރިވިއު ކުރައްވާނެ ކަމަށެވެ.
ފްލެޓް ލިސްޓު އާންމުކުރުމުގެ އެންމެ ފަހުގެ މައުލޫމާތުތައް ހާމަކުރަމުން ހައުސިން މިނިސްޓްރީން ބުނީ، ލިސްޓް ރިވިއުކުރުމުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އަދި ލިސްޓް އާންމުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި، މި މަހުގެ ތެރޭގައި އެ ލިސްޓް އާންމުކުރާނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓާއި ގޯތި ލިބޭނެކަމަށް ކުރީގެ ސަރުކާރުން ގެޒެޓު ކުރި ލިސްޓުތަކުގައި ހިމެނުނު މީހުންގެ ތެރެއިން އޮޅުވާލައިގެން ނޫން ގޮތަކަށް ފްލެޓު ލިބުނު އެއްވެސް މީހަކަށް އެ ނުގެއްލޭނެ ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހައުސިން މިނިސްޓްރީ ގެދޮރުވެރިޔާ ސްކީމް