ރާއްޖޭގައި މިހާރު ދެމުން އަންނަ ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމެންޓް ހިދުމަތުގައި ގަލްފް އެއާއިންވެސް ބައިވެރިވެެއްޖެ އެވެ.
ގަލްފް އެއާއިން މި ހިދުމަތުގައި ބައިވެރިވިކަން ހާމަކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
ވީއައިއޭއިން ބުނީ ގަލްފް އެއާއިން މި ހިދުމަތުގައި ބައިވެރިވެ ފުރަތަމަ އުފުލާފައިވަނީ ބަންގްލަދޭޝްއިން ކަނޑުގެ މަގުން އައި ކާގޯ ޝިޕްމެންޓްތަކެއް ކަމަށެވެ. އަދި މި ޝިޕްމެންޓްތައް ގެންދަނީ ގްރީސްއަށްކަމަށްވެސް ބުނެފައިވެ އެވެ.
ގަލްފް އެއާއިން މި ހިދުމަތާ ގުޅުމާއެކު އެ އެއާލައިން ވެގެންގޮސްފައިވަނީ މި ހިދުމަތާ ގުޅުނު ހަތްވަނަ އެއާލައިންއަށެވެ. މީގެ ކުރިން ޓާކިޝް އެއާލައިންއާއި ގަތަރު އެއާވޭސްގެ އިތުރުން އެމިރޭޓްސްއިންވެސް ވަނީ މި ހިދުމަތާ ގުޅިފަ އެވެ.
ރާއްޖޭގައި ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމެންޓްގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. މި ހިދުމަތާއެކު ރާއްޖޭގެ ކާގޯ އުފުލުމުގެ ހިދުމަތް އިތުރަށް ފުޅާވެ، ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ.