ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، 9 ބިދޭސީއަކު އިމިގުރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޤައުމުން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
އިމިގްރޭޝަނުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި 4،054 ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ. އެ މަހު 690 ބިދޭސީން ވަނީ ޤައުމުން ބޭރުކޮށްފަ އެވެ.
އައު ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ގަވައިދާއި ހިލާފަށް ބިދޭސީން ހިންގަމުންދިޔަ ގިނަ ވިަޔަފާރިތަކެއް ހުއްޓުވައި، ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވެ އެވެ. އޭގެއިތުރުން ހެންވޭރުގައި ބިދޭސީން ދިރިއުޅޭ އެކޮމެޑޭޝަންއެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ފަށައިފައިވެ އެވެ. އަދި ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނާއި މެދު ފިޔަވަޅު އެޅޭގޮތަށް ގަވައިދުތަކާއި، ޤާނޫނުތަށް އިސްލާހުކޮށް، އަމަލުކުރަންވެސް ވަނީ ފަށައިފަ އެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ ގަވާއިދާ ޚިލާފަށް އަތޮޅުތެރޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. މިއީ ޤައުމުގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ޚިލާފަށް އުަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.