ލ. ފޮނަދޫގައި ހިންގަމުން އަންނަ ގްރީން ހައުސްއަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިޤު އިބްރާހީމް ޒިޔާރަތް ކުރައްވައިފި އެވެ.
ފޮނަދޫގައި ހިންގަމުންދާ މި ގްރީން ހައުސްއަކީ އެންދެރި ކުދި ހިލޭ އެހީގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ދަށުން ގާއިމު ކުރެވުނު ގްރީން ހައުސް އެކެވެ. މި ގްރީން ހައުސް ހިންގަމުން ދަނީ ލ. އަތޮޅު ދަނޑުވެރިންގެ ޖަމިއްޔާއިންނެވެ.
މިނިސްޓަރު ޠާރިޤުގެ މި ޒިޔާރަތުގައި އެ ގްރީން ހައުސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެ އެވެ.
ފޮނަދޫ ގްރީން ހައުސްގެ ސަބަބުން އެ ސަރަޙައްދުގެ ދަނޑުވެރިކަމަށް ލިބޭނެ ކުރިއެރުމާ ބެހޭގޮތުން މިނިސްޓަރު ވަނީ ދަނޑުވެރިންނާ މަޝްވަރާ ކުރައްވާފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ މި ޒިޔާރަތަކީ ސަރުކާރުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ. އަދި ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ދަނޑުވެރިކަން ކުރުމަށް ބާރު އަޅާކަމުގެ ނިޝާނެއްކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މިފަދަ ގްރީން ހައުސްތަކުގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެ، އިމްޕޯޓަށް ބަރޯސާވާ މިންވަރު ދަށްވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓަރު ޠާރިޤު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ގަމުގައި ހުންނަ ޕަރީ ފެންގަނޑަށްވެސް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. އެތަނަށް ޒިޔާރަތް ކުރެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެ ސަރަހައްދުގައި ޕަރީ ފެންގަނޑު ބަލަން އަންނަ މީހުން ތިބެން ޕްލެޓްފޯމެއް ހަދާނެ ކަމަށެވެ.