ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވައިފި އެވެ.
މި އިސްލާހުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިސްލާހުތަކެއް ކަމަށް އީސީ އިން ބުނެފައި ވެއެވެ.
އިސްލާހުތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދަޢުވަތުދީގެން އޮކްޓޫބަރު 8 ވީ އަންގާރަ ދުވަހު ވަނީ އިތުރު ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ކޮމިޝަނުގެ ފަސް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ގުޅުންހުރި ސެކްޝަންތަކުގެ ވެރިން ބައިވެރިވި އެވެ.
މި ބައްދަލުވުމުގައި ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަ އިސްލާހުތަކަށް އިތުރަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައި ވެއެވެ. ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން މި ހުށަހަޅާ އިސްލާހުތަކުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އީސީ އިން ބުނެފައި ވެއެވެ.