އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލުގެ (ޑީއެޗް11) ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރުގައި ސާޖަރީތައް ފަށައިފި އެވެ.
އައިޖީއެމްއެޗްއިން ބުނެފައިވާ ގޮތުގައި، މި ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރަކީ ކެތެޓަރައިޒޭޝަން ލެބޯޓްރީއެއް ވެސް ހިމެނޭ އެންމެ ޒަމާނީ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ސަބަބުން ނިއުރޯލޮޖިކަލް، ކާޑިއަކް، އަދި ޕެރިފެރަލް އިންޓަވެންޝަނަލް ޕްރޮސީޖާތަކަށް ހިދުމަތް އިތުރުވެ، ދުނިޔޭގެ ފެންވަރުގެ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިނާކުރި 25 ބުރީގެ ހޮސްޕިޓަލެކެވެ. ނަމަވެސް، އެކި ސަބަބުތަކާހުރެ ފާއިތުވި ހަ އަހަރު ދުވަހު އެތަނުގެ ތިއޭޓަރު ބޭނުން ނުކުރެވި އޮތެވެ. އައިޖީއެމްއެޗްއިން ބުނެފައިވާ ގޮތުގައި، ގިނަ ދުވަހު ބޭނުން ނުކުރުމުގެ ސަބަބުން މައިބޯޑުގެ ބައެއް ސާކިއުޓްތަކަށް މައްސަލަތައް ދިމާވެފައިވީ ނަމަވެސް، ބޭނުންވާ ސްޕެއާ ޕާޓްސް އެތެރެކޮށް، މިދިޔަ ހަފްތާގައި ތިއޭޓަރު އޮޕަރޭޝަނަލް ކުރެވިފައިވެ އެވެ.
މީގެ އިތުރުން، ޑީއެޗް11 ގައި ހުރި ދިހަ އައިސީޔޫ އެނދުގެ ތެރެއިން މިހާތަނަށް ބޭނުންކުރަމުން އައީ ހަތަރު އެނދު ކަމަށާއި، މިހާރު މުޅި ފްލޯ ބޭނުންކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗްއިން މަޢުލޫމާތު ދީފައިވެ އެވެ. އަދި ސްޓްރޯކް ޖެހިފައިވާ މީހުންނަށް ވަރަށް އަވަހަށް އެ ހޮސްޕިޓަލުން ފަރުވާ ދޭން ފަށާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ހައިބްރިޑް ތިއޭޓަރުގެ ފެސިލިޓީތަކުގެ ސަބަބުން ކާޑިއަކް ޕްރޮސީޖަރސްގެ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށާއި، މައިބަދައިގެ ސާޖަރީތައް ކުރިއަށް ގެންދެވޭނެ ކަމަށް އައިޖީއެމްއެޗްއިން ފާހަގަކޮށްފައިވެ އެވެ. މިއާއެކު އައިޖީއެމްއެޗްގެ އިތުރު ހަތަރު ތިއޭޓަރުގައި ވެސް އާންމު ސާޖަރީތައް ކުރެވޭނެ އެވެ.