ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ޝަކީލް އިލްތިމާސް ކުރައްވައިފި އެވެ.
މި އިލްތިމާސް ޝަކީލް ކުރެއްވީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝަކީލްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އޭނާގެ ފަރާތުން ކަމަށް ބުނެ އަބްދުﷲ ރަޝީދު، ގ. ދަލާސްޓް (ފޯން ނަންބަރު 7610117) ކިޔާ މީހަކު އެކި ފަރާތްތަކަށް ގުޅައި ފައިސާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މި ފަރާތުން އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ޝަކީލް އެދިލައްވާފައިވެ އެވެ.
”އަޅުގަނޑުގެ ފަރާތުން ކަމަށް ބުނެ އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް ކުރާ ފޯން ކޯލްތަކަށް އިޖާބަ ނުދިނުމަށް ދަންނަވަން،“ ޝަކީލް ވިދާޅުވި އެވެ.
މި މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ކަމަށްވެސް ޝަކީލް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޝަކީލްގެ އިތުރުން ފުލުހުންނާއި ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ އެކި ތަންތަނުގެ ނަމުގައިވެސް ސްކޭމް ކޯލްތަކާއި މެސެޖުތައް މި އަހަރު ތެރޭގައި ކޮށްފައިވާކަމެވެ.
މިފަދަ އިލްތިމާސްއެއް ޝަކީލް ކުރައްވާފައިވާއިރު، އޮޅުވާލައިގެން ކާކުކަން ނޭނގޭގޮތަށް ހިންގި ބޮޑު ދެ ސްކޭމެއްގައި ޖުމްލަ 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ މަޢުލޫމާތު ދީފައެވެ. މިއިން ކޮންމެ ސްކޭމެއްގައި 150 އަށްވުރެ ގިނަ މީހުން ޝާމިލްވާކަން މިހާތަނަށް ތަޙުޤީޤަށް ހާމަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ދިވެހި ފުލުހުންގެ ޚިދުމަތް