ތައުލީމީ ވުޒާރާގެ އާ ވެބްސައިޓް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އިއްޔެ އިފުތިތާހުކޮށްދެއްވައިފި އެވެ.
މި ވެބްސައިޓަކީ މިނިސްޓްރީ އިން 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ކުރީގެ ވެބްސައިޓް ރީޑިޒައިންކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވެބްސައިޓެކެވެ.
އާ ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީއިން ދެމުންގެންދާ ޚިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވި، އޮންލައިން މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން ސްކޫލުތަކާ ގުޅޭ ގިނަ މައުލޫމާތާއި ތަފާސްހިސާބު މި ވެބްސައިޓްގައި ހިމަނާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.
ވެބްސައިޓް އިފުތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މި ވެބްސައިޓަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. އެގޮތުން، މިނިސްޓްރީގެ ތާރީޚް އަދި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ މައުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ކޮންމެ ސްކޫލަކަށް ޚާއްޞަ ވެބް ޕޭޖެއް ފަރުމާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މި ޕޭޖުތަކުން، ސްކޫލުތައް އުފެދިގެން އައިގޮތާއި އެ ސްކޫލުތަކުގެ ތާރީޚުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ އަދަދު ފަދަ މައުލޫމާތުތަށް ލިބެން ހުންނާނެ އެވެ. އަދި ތައުލީމީ ދާއިރާގެ މުހިންމު ބައެއް ތަފާސް ހިސާބުތަކާއި، މިނިސްޓްރީގެ މުހިންމު ޚަބަރުތައްވެސް މި ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.
މިނިސްޓަރ ޑރ. ޝަފީޢު ފާހަގަކުރެއްވިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ވެބްސައިޓް އިތުރަށް ތަރައްގީކޮށް، މަޢުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. މީގެ އިތުރުން، ސްކޫލުތަކުން ހިންގާ ޙަރަކާތްތައް މި ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ ގޮތް ހެދުމަކީވެސް މިނިސްޓްރީގެ އަމާޒެއް ކަމުގައި މިނިސްޓަރ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ