އިތުރު ގައުމުތަކުގެ ފައިސާ ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވީ ހަމައެކަނި އެމެރިކާ ޑޮލަރަށް ބަރޯސާވުމުގެ ބަދަލުގައި ރާއްޖޭގެ ޓޫރިޒަމްގެ ސޯސް މާކެޓްގައި ހިމެނޭ އެހެން ގައުމުތަކުގެ ބޭރު ފައިސާގެ އިތުރުން މުދާ އެތެރެކުރާ ގައުމުތަކުން ބޭރު ފައިސާ ބޭނުންކުރެވޭނެ ވަސީލަތްތައް ތަޢާރަފް ކުރެއްވުމަށް ރައީސް ބޭނުންފުޅުވާ ކަމަށެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުގައި، އިންޑިއާގެ ރުޕޭ ކާޑު އަދި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ރާއްޖޭގައި ތަޢާރަފްކުރެވުނެވެ. މިހާރު ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ރުޕޭ ކާޑު ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ނެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ލޯކަލް ކަރަންސީ ސެޓްލްމަންޓް އެގްރީމަންޓެއް ގާއިމްކުރުމަށް އިންޑިއާއާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. މިކަން ހަމަޖެހުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އިންޑިއާގެ ފައިސާއިން މުޢާމަލާތްކުރެވޭނެ ކަމަށާއި، ރާއްޖޭގެ އެކައުންޓްތަކަށްވެސް އިންޑިއާގެ ފައިސާ ޖަމާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް ބޭންކިންގ އާއި އޮންލައިން ގޭޓްވޭގެ ޚިދުމަތް ތަޢާރަފް ކުރެއްވުމަށް ރައީސް ގަސްދުކުރައްވާ ކަމަށްވެސް ޒަމީރު ހާމަކުރެއްވި އެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ރާއްޖެއިން ވަނީ އިންޑިއާއާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ. މި އެގްރީމެންޓުން ރާއްޖޭގެ ރިޒާވަށް ލުއިކަމެއް ލިބި، ރޭޓިންގ އެގ އެޖެންސީތަކުން ދީފައިވާ ރޭޓިންގއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޒަމީރު އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު