ރާއްޖޭގެ އައިޑީ ސިސްޓަމް ހަރުދަނާ ކުރުމަށް އިންޑިޔާގެ މަންތްރާ ސްމާޓް އައިޑެންޓިޓީ ޕްރައިވެޓް ލިމިޓެޑްގެ މޯފްސް ސްކޭނާ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ގެންނަން އުޅޭ ކަމަށް އިންޑިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޑީއެންއޭ އިން ރިޕޯޓްކުރި ގޮތުގައި މަންޓްރާ ސޮފްޓްޓެކް އިންޑިއާ ޕްރައިވެޓް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މަންޓްރާ ސްމާޓް އައިޑެންޓިޓީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ސަރުކާރަށް “މޯރފްސް” ގެ ނަމުން މަޝްހޫރު 4-4-2 ސްލެޕް ފިންގަރޕްރިންޓް ސްކޭނަރ ފޯރުކޮށްދިނުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާފައިވާކަން އިއުލާންކޮށްފައިވާ ކަމަށެވެ.
މި ސްކޭނަރުތައް ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ޕްރޮގްރާމްގައި ބޭނުންކުރާނީ ބަޔޮމެޓްރިކް ޑޭޓާ އެއްކުރުމާއި އައިޑެންޓިޓީ ވެރިފިކޭޝަން ޕްރޮސެސްތަކުގެ ރަނގަޅުކަމާއި އިތުބާރު ބޮޑުކުރުމަށެވެ. ދިވެހި ސަރުކާރަށް ފޯރުކޮށްދޭ މި އިކުއިޕްމަންޓްތަކަކީ އެންމެ މަތީ ފެންވަރުގެ މިންގަނޑަށް ފެތޭ ސާމާނުތަކެއްކަން ރަސްމީކޮށް ސެޓްފިކެޓް ދީ، ސީއާރުވީއެސް ސިސްޓަމްތަކާ ފުރިހަމައަށް އިންޓަގްރޭޓްކޮށްފައިވާ ސާމާނަކަށް ހަދާފައިވާ ކަމަށް ޑީއެންއޭއިން ރިޕޯޓްކުރި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ ވަނީ ފިންގަރޕްރިންޓް ސްކޭނަރ އަވަހަށް ޑެލިވަރީކޮށް، ފެންވަރު ރަނގަޅު ކަމުގެ އަގުވަޒަން ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ “މޯރފްސް” ފިންގަރޕްރިންޓް ސްކޭނަރަކީ ގައުމީ އައިޑެންޓިފިކޭޝަން ނިޒާމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ އެއްޗެއް ކަމަށެވެ. މޯފްސްއަކީ އެއް ފަހަރާއި ކުރާ ސްކޭންއަކުން ހަތަރު އިނގިލީގެ ނިޝާން ސްކޭން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެެކެވެ.
މަންތްރާއިން މީގެ ކުރިން ވަނީ އެހެން ގައުމުތަކުގައިވެސް މި ނިޒާމް ވިއްކާފަ އެވެ. އޭގެ ތެރޭގައި ޓޮގޮލީޒް ރިޕަބްލިކް ހިމެނެ އެވެ. މިހާރު އެކުންފުނިން ދަނީ މި ސިސްޓަމް ފިލިޕީންސްގައިވެސް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ނެވެ.