އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އެނބުރި ރާއްޖެއަށް ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު ރާއްޖެއަށް ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަޑައިގެންނެވި އެވެ. އަދި ކެބިނެޓުގެ އެކިއެކި މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ރައީސްއަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވި އެވެ.
އިންޑިއާއަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު ވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކޮށް ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދެވޭނެ ގޮތްތައް ހޯއްދަވާފަ އެވެ. އެގޮތުން ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ މަޝްރޫތަކެއް ނިންމާ ރާއްޖޭގެ ސަރުކާރާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމާއި ރާއްޖޭގައި ރުޕޭ ކާޑުގެ ހިދުމަތްވެސް ފައްޓަވާދެއްވާފައިވެ އެވެ.
ބެންގަލޫރުގައި ދިރިއުޅޭ ރައްޔިތުންނާ ރޭ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު ކަނޑައެޅި މަގުސަދު ހާސިލުވެފައިވާ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެން ދާނެ ގޮތަށް ދިވެހި ރައްޔިތުންގެ ހައްގުގަ ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ އިންޑިއާއަކީ ރާއްޖެއަށް ކަމެއް ބޭނުންވާ ހިދު އެންމެ އަވަހަށް އެހީތެރިކަންދޭ އެއްގައުމުކަމަށް ވިދާޅުވެފަ އެވެ. އަދި އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުވިތާ އަންނަ އަހަރަށް 60 އަހަރުވާނެކަން އެމަނިކުފާނު ފާހަަގަ ކުރެއްވި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި 10 މިނިސްޓަރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ - އިންޑިއާ އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ