ނަފްސާނީ ބަލީގެ ހިދުމަތް އަތޮޅު ތެރެއަށް ފުޅާކުރުމަށް މި ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފްސާނީ ސިއްހަތާއި ބެހޭ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ ހިތާބެއްގަ އެވެ.
ނަފްސާނީ ބަލީގެ ހާލަތު ރާއްޖޭގައި ވެސް އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރިވަމުންދާކަމަށް ތަފާސްހިސާބު ތަކުން ދައްކާ ކަމަށް މިނިސްޓަރުގެ ވާހަކަ ތެރެއިން އިޝާރާތްކުރެއްވި އެވެ.
އެހެންކަމުން، ނަފްސާނީ ސިއްހަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫންކަމާ، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖްތަމައު އެކަމަށް ހޭލުންތެރިވެ ނަފްސާނީ ބަލިކަމާ ދެކޮޅަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރަށްވެސް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ނަފްސާނީ ޞިއްހަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް، ނަފްސާނީ ސިއްހަތުގެ ރަނގަޅުފަރުވާ ފަސޭހައިން ލުއިގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުން ކަމުގައި މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ އަތޮޅު ތެރެއަށް ފުޅާކުރުން އެއީ މިސަރުކާރުގެ ސިޔާސަތެއް އަދި އަމާޒެއްކަން ފާހަގަކުރެއްވި އެވެ.
މިސަރުކާރުގެ ހަފްތާ14 ގެ އެޖެންޑާގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ހެލްޕްލައިން ނަންބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި އެ ހިދުމަތް މިހާރު ކޮންމެ ގަޑިއެއްގައިވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. މި ހެލްޕްލައިންގެ ބޭނުން ގިނަބަޔަކު ހިފަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް