ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ފުލުހަކާމެދު މާރާމާރީ ހިންގި މީހަކަށް ޖަލު ހުކުމެއް އިއްވައިފި އެވެ.
މި މައްސަލައިގައި ދައުލަތުން ދައިވާ އުފުލާފައިވަނީ އަހުމަދު ސާލިހް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ އަނިޔާއެއް ދިނުމުގެ ދައުވާއާއި ދައުލަތުގެ މުދަލަކަށް ގެއްލުންދިނުމުގެ ދައުވާ އުފުލާފަ އެވެ.
މީނާގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައިވަނީ 21 ޖެނުއަރީ 2022 ވަނަ ދުވަހު ދޫނިދޫ ކަސްޓޯޑިއަލްގެ ޖަލު ގޮޅިތަކުުގެ ފާޚާނާ ސާފުކުރުމަށްޓަކައި ފުލުހަކާއި މަސައްކަތު މީހަކު މީނާ ހުރި ޖަލު ގޮޅިއަށް ވަތްވަގުތު މީނާ އެ ގޮޅިން ނިކުމެގެން އެހެން ގޮޅިތަކުގެ ކުރިމައްޗަށްގޮސް އަޑުގަދަކޮށް ހަޑިހުތުރުމަހުން މުއާމަލާތްކޮށް ޖަލު ގޮޅިއަށް ވަނުމަށް އިންކާރު ކުރުމުން، ޖަލު ގޮޅި ޕޯސްޓް ކައިރީގައި ބަހެއްޓުމުން އެތަނުގައި މަޑުނުކޮށް ދާން ފެށުމުން އޭނާ ހުއްޓުވުމަށް ފުލުސް މީހާ މަސައްކަތް ކުރުމުން މީނާގެ އަތުންނާއި ފައިން ފުލުސް މީހާ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ މައްސަލައިގަ އެވެ. އަދި ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ ދައުވާ އުފުލާފައިވަނީ އެ ފުލުސް މީހާ ބޭނުންކުރި ޓީކީ ބޭނުންކޮށްގެން ފުލުސް މީހާ ގައިގައި ތަޅައި މާރާމާރީ ހިންގުމުން ޓޯކީގެ ކަވަރު ފަޅައިގެންގޮސް ޓޯކީއަށް ގެއްލުންވެފައިވާތީ އެވެ.
މި ދެ ދައުވާއަށް ވެސް އަހުމަދު ސާލިހް ވަނީ ކޯޓުގައި އިންކާރު ކޮށްފަ އެވެ. މި ދައުވާތަކަށް އިންކާރުކުރުމުން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ހެކިން ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ ސާލިހް ފުލުސް މީހާގެ ކަރުގައި ހިފައ ބިންމައްޗަށް ވައްޓާލުމަށްފަހު ޓޯކީން ފުލުސް މީހާގެ މޫނުގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި ޓޯކީން ބޮލުގައި ޖެހުމުން ފުލުސް މީހާގެ ބޯ ފަޅައިގެންގޮސް ލޭ އައިސްފައި ހުރި ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ސާލިހްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ، އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބުގެ ގޮތުން 1 އަހަރާއި 7 މަނާއި 6 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އަދި ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން 2 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)