އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންނެވުމަށް ފުރާވަޑައިގެންފި އެވެ.
ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވީ ބެންގަލޫރުގެ ކެމްޕޭގައުޑާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް ވަނީ އެ އެއާޕޯޓު ބައްލަވާލައްވާފަ އެވެ.
ބެންގަލޫރުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު ކަނޑައެޅި މަގުސަދު ހާސިލުވެފައިވާ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެން ދާނެ ގޮތަށް ދިވެހި ރައްޔިތުންގެ ހައްގުގަ ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ އިންޑިއާއަކީ ރާއްޖެއަށް ކަމެއް ބޭނުންވާ ހިދު އެންމެ އަވަހަށް އެހީތެރިކަންދޭ އެއްގައުމުކަމަށް ވިދާޅުވެފަ އެވެ. އަދި އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުވިތާ އަންނަ އަހަރަށް 60 އަހަރުވާނެކަން އެމަނިކުފާނު ފާހަަގަ ކުރެއްވި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި 10 މިނިސްޓަރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ