ށ. ފުނަދޫ އެއާޕޯޓްގެ އުދުހުންތައް ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
މޯލްޑިވިއަން އިން އެކްސްގައި އާންމުކުރި ނޯޓިސްއެއްގައި ބުނެފައިވަނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ށ. ފުނަދޫ އެއާޕޯޓުން ކުރުމަށް ހަމަޖެހިފައިވާ ހުރިހާ އުދުހުންތަކެއް މެދުކަނޑާލެވިފައިވާ ކަމަށެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައެއް މޯލްޑިވިއަން އިން ހާމަކޮށްފަ އެއް ނުވެ އެވެ.
މޯލްޑިވިއަން އިން ބުނިގޮތުގައި އެ އެއާޕޯޓްގެ އުދުހުންތައް ދެން ފަށާނީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލުވުމުން ނެވެ. އަދި އުދުހުންތައް މެދުކަނޑާލަންޖެހުމުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ އާލައިންއިން މައާފަށް އެދިފައިވެ އެވެ.
ށ. ފުނަދޫ އެއާޕޯޓަކީ އެ އަތޮޅުގައި އޮންނަ ހަމައެކަނި އެއާޕޯޓް އެވެ. އަދި އެ އެއާޕޯޓަށް ހަމައެކަނި ދަތުރުތައް ކުރަނީ ޤައުމީ އެއާލައިން، މޯލްޑިވިއަން އިންނެވެ. އެހެންކަމުން މޯލްޑިވިއަންގެ ދަތުރުތައް މެދުކަނޑާލުމުން، އެ އެއާޕޯޓްގެ ހުރިހާ ދަތުރުތަކެއް މެދުކެނޑުނީ އެވެ.