12 އަހަރުވަންދެން އެކި ދުވަސް މަތިން ކުއްޖަކާ ބެހުނު ބޮޑުބޭބެއަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން އޮކްޓޯބަރ 29، 2021 އާ ދެމެދު އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކާ އެކި ދުވަސް މަތިން ބެހިފައިވާތީ އެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
އެހެންކަމުން، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ކުއްޖާއަށް ބޮޑުބޭބެ ޖިންސީ ގޯނާ ކުރާކަން ކިޔައިދިނީ އޭގެ އެތައް އަހަރެއް ފަހުން ނަމަވެސް، ކަން ހިނގާފައިވާ ގޮތް ކުއްޖާ ކިޔައިދީފައި ވަނީ އެއްގޮތަކަށް ކަމަށެވެ. ކުއްޖާގެ ވާހަކައިގައި އެއްވެސް ފުށުއެރުމެއް ނެތްކަމަށެވެ.
މި މައްސަލައިގައި ބޮޑުބޭބެގެ ފަރާތުން ދިފާއީ ހެކިބަސް ހުށަހަޅާފައިވާއިރު، އެ ހެކިވެރިން ބުނެފައި ވަނީ ކުއްޖާއަކީ އަހުލާގީ ގޮތުން ރަގަޅު ކުއްޖެއް ނޫން ކަމަށެވެ. ނަމަވެސް ހުކުމުގައި ބުނެފައި ވަނީ އެމީހުންގެ ހެކިބަހަށް ބާރުލިބޭ އެހެން ހެއްކެއް ނެތް ކަމަށެވެ.
އެހެންކަމުން، ހައިކޯޓުން ކަނޑައަޅާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި 15 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.