މާލޭގެ މަޖީދީ މަގުގައި އަނިޔާތަކެއް ލިބިފައި އޮތް ދިވެހި ފިރިހެނަކު ރޭ ދަންވަރު ފެނި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިއަދު ހެނދުނު ދޫކޮށްލައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މަޖީދީ މަގުގައި ހުންނަ ”ސޮރީ ބޯއިސް“ ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމަށް ރޭ 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މި މަޢުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަޙައްދަށް ގޮސް އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، މިއަދު ހެނދުނު 6:19 ހާއިރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ފުލުހުންގެ ފަރާތުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައި ނުވި ނަމަވެސް، މި ހާދިސާއާ ގުޅިގެން އިތުރަށް ތަޙުޤީޤު ކުރިއަށް ގެންދަވާ ކަމަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ.