ފުވައްމުލަކުގައި ތިމާވެށްޓާއި ރައްޓެހި ހަކަތަ އުފައްދަން އދ. އާއިއެކު އެންވަޔަރަންމަންޓް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.
ބުދަ ދުވަހު މިނިސްޓްރީން މިކަމުގައި މަޝްވަރާކޮށްފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ ޠާރިޤު އިބްރާހީމް، އ.ދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔޫ.އެން.ޑީ.ޕީގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރ މިސް. ކަންނީ ވިގްނަރާޖާ އާއި ބައްދަލުކުރެއްވުމުގެ ތެރެއިން ނެވެ.
މި ބައްދަލުވުމަކީ ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ރީފް ރިސިލިއެންޓް އެނަރޖީ އެފިޝެންޓް ފުވައްމުލައް (ރީފް) މަޝްރޫޢުގެ ފެށުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤު އަދި މިސް. ވިގްނަރާޖާ ވަނީ ތިމާވެށި އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ރާއްޖެ އާއި ޔޫ.އެން.ޑީ.ޕީ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ އިތުރު މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.
ރީފް މަޝްރޫއުއަކީ ފުވައްމުލަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމާއި، ހަކަތައިގެ ހަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.
ރާއްޖެ - އދ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް