މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފައިނޭންސްގެ އައު ޖަމާޢީ މިންގަނޑެއް ކަނޑައެޅުމަށް ބޭއްވުނު ހައި ލެވެލް މިނިސްޓީރިއަލް ޑައިލޮގްގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ އެވެ.
ބުދަ ދުވަހު މި ބައްދަލުވުން އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބޭއްވީ ޕްރީކޮޕް ބައްދަލުވުމުގެ ކުރިން ނެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން އިސްކަންދިން ކަންތައްތަކުގެ ތެރޭގައި، އައު ޖަމާއީ މިންގަނޑު (އެންސީކިއުޖީ) އިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތައްޔާރުވުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމާއި، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމާ ގުޅޭ ފައިނޭންސް ލިބުމުގެ ފުރުސަތު އިތުރުކުރުން ހިމެނެ އެވެ.
ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭނެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށް ވުމާއެކު، މިފަދަ ބައިނަލްއަގްވާމީ މަޝްވަރާތަކުގައި ބައިވެރިވެ، ރާއްޖޭގެ އަޑު އުފުލުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމަކީ، މޫސުމާ ގުޅޭ ފައިނޭންސް ހޯދުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ.