ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި މީހެއްގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިކަން ހާމަކޮށްފައި ވަނީ، ފުލުހުންގެ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ހަބަރެއްގަ އެވެ.
ފުލުހުން ބުނީ، ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ / ހަވީރީގެ، އަބްދުﷲ ފަސީހް (24އ) އެވެ.
މި ހަފްތާގެ ހޯމަ ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 340 ގްރާމް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.