މާލޭގެ ވިޔަފާރި ބަނދަރުގައި ހިލޭ މުދާ ބެހެއްޓޭނެ މުއްދަތު ކުޑަ ކުރަން ނިންމައިފި ކަމަށް މޯލްޑިވްސް ޕޯޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަޖީހު މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން ކަމަށްވާ މާއަސްކް ލައިންސް، އެމްއެސްސީގެ ކާގޯ ބޯޓެއް މިއަދު ރާއްޖެއަށް އައުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
ވަޖީހު ވަނީ މިހާރު އެއްފަހަރާ 2،200 ކޮންޓެއިނަރު ބެހެއްޓޭ ވިޔަފާރި ބަނދަރުގައި މުދާ ރައްކާކުރުމަށް ލިބޭ ޖާގަ ކުޑަކަމަށް އަލިއަޅުވާލައްވާފަ އެވެ. ބަނދަރުގެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ހިލޭ ރައްކާކުރުމުގެ މުއްދަތު ކުރުކޮށް، އަންނަ މުދާ ރަނގަޅަށް ބެލެހެއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވަކިން ހާއްސަކޮށް ފިނިހޫނުމިނެއްގައި ބަހައްޓަންނުޖެހޭ އަދި ބޮޑެތި ގެއްލުން ނުވާފަދަ ޑްރައި ކޮންޓެއިނަރު ހިލޭ ބެހެއްޓޭނެ މުއްދަތު ހަތް ދުވަހަށް ކުޑަކުރާއިރު، އެހެން ކޮންޓެއިނަރުތަކުގައި ރައްކާކުރުމުގެ މުއްދަތު ފަސް ދުވަހަށް ކުޑަކުރޭނެ ކަމުގައި ވަޖީހު މައުލޫމާތު ދެއްވި އެވެ. މިވަގުތު ހުރިހާ ކޮންޓެއިނަރުތަކުގެ ވައްތަރުތައް ދިހަ ދުވަހުގެ މުއްދަތަށް ހިލޭ ރައްކާކުރެވެ އެވެ.
މި ބަދަލަކީ ކޮންމެހެން ގެންނަން ޖެހުނު ބަދަލެއް ކަމަށް ވަޖީހު ވިދާޅުވި އެވެ. އޭނާ ވަނީ ދާދި ފަހުން ބަނދަރުގައި ޖާގަ ނެތުމުގެ ސަބަބުން 120 ކޮންޓެއިނަރު ބަރުނުކުރެވުނު ވާހަކައަކުން މިސާލު ނަންގަވާފަ އެވެ.
”މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބޯޓެއް އައިސް 120 ކޮންޓެއިނަރު ނުބޭލިގެން މާޔޫސްވެގެން އެމީހުން ވަނީ ގޮސްފައި. ޕޯޓުގައި ޖާގަ ނެތް.“ ވަޖީހު ވިދާޅުވި އެވެ.
ވަޖީހު ވަނީ ބަނދަރުގައި ފުރިހަމަ ނިޒާމެއް ހިންގުމަށް އާ ގަވާއިދަށް އެއްބާރުލުން ދިނުމަށް ވިޔަފާރިވެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)