ތިން ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމަށް އެންވަޔަރަމެންޓަލް އިމްޕެކްޓު އެސެސްމަންޓު (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އިއުލާނުކޮށްފި އެވެ.
އެގޮތުން، މިފްކޯއިން އައިސްޕްލާންޓް ގާއިމްކުރަން ނިންމާފައިވަނީ ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫގަ އެވެ.
މިފްކޯއިން ބުނީ، މި ތިން ރަށުގައި މުޅިން އަލަށް ގާއިމުކުރާ އައިސް ޕްލާންޓުތަކުގައި 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނާނެ ކަމަށެވެ.
މި އައިސް ޕްލާންޓުތަކުގެ އީއައިއޭ ހަދާދޭނެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިންނެވެ. ބިޑު ހުޅުވުން އޮންނާނީ 14 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގަ އެވެ.
ފިޝަރީޒް މިނިސްޓްރީ އިން، އައިސް ސްޓޯރޭޖް ގާއިމުކުރުމަށް މިފްކޯއާ ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހު އެވެ.
މިފްކޯއިން ބުނީ، މި ތިން ރަށުންވެސް އައިސްޕްލާންޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ކައުންސިލްތަކުން ހަމަޖައްސާދީފައި ވަނީ ހިލޭ ކަމަށެވެ.