ދުބާއީ ފަދަ ތަންތަނުގައިވެސް ދިވެހިންނަށް ރުޕޭ ކާޑު ބޭނުންކުރެވޭގޮތް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓރ މިގޮތަށް ވިދާޅުވީ ”ވޮއިސް“ މީޑިޔާއަށް މިފަހުން ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރ ވިދާޅުވީ ރުޕޭ ކާޑް ރާއްޖެއިން ބޭނުންކުރެވެން ފެށުމުން ކަޅު ބާޒާރުގައި ޑޮލަރުގެ ޑިމާންޑް ދަށްވެގެންދާނެ ކަމަށެވެ. އަދި އެހެން ގައުމުތަކުގައިވެސް ދިވެހިންނަށް މި ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ވިސްނުން ސަރުކާރުގައި އެބައޮތް ކަމަށް ވިދާޅުވި އެވެ.
”އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިގޮތަށް ދުބާއީގައި އަދި އެހެން ގައުމުތަކުގައިވެސް މި ކާޑު ބޭނުންކުރެވޭނެ ގޮތަށް (ހަދާނެ). އޭރުން ދިވެހި ރައްޔިތުންް ޑޮލަރަށް މިހާރު ކަޅު ބާޒާރުގައި މިއަންނަ އަގަށްވުރެ ކަޅު ބާޒާރުގައި އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ“
ރުޕޭއިން ފައިސާ ދެއްކޭ ނިޒާމް ހަމަޖެހުމަކީ ފަތުރުވެރިކަމުގައި ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރައްވާފައި ވެއެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައިސަލް ވިދާޅުވީ އިންޑިއާގެ ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް ތައާރަފްކުރުމަށް އެއްބަސްވުމަކީ އިންޑިއާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުން ހާސިލުވި މުހިންމު ކަމެއް ކަމަށެވެ. އިންޑިއާ އެހާ ބޮޑު ސޯސް މާކެޓަކަށް ވެގެންދާއިރު ރުޕޭ ކާޑު ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތް ކުރެވޭނަމަ އިންޑިއާ އިން އިމްޕޯޓްކުރުމުގެ މަރުހަލާ ފަސޭހަވާނެ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އިންޑިއާއަކީ ދިވެހިން އެންމެ ގިނައިން ކާޑުގެ ބާވަތްތައް އިމްޕޯޓް ކުރާ ގައުމެވެ. އަދި ހަމަ އެހެންމެ، ދިވެހިންނަށްވެސް އިންޑިއާގައި ރުޕޭ ކާޑު ބޭނުންކުރެވޭނެ ކަމުގައި މިނިސްޓަރ ވިދާޅުވި އެވެ.
ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ޕްރޮޑަކްޓެއްކަމަށްވާ ރުޕޭ އަކީ މިހާރު ދުނިޔޭގެ 300 މިލިއަން އަށް ވުރެ ގިނަ މީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކް އެވެ.
ޒަމާނީ ޑިޖިޓަލް ޕޭމެންޓް ސިސްޓަމްތަކާއި ހިދުމަތްތައް ފުޅާކުރުމުގެ މަގްސަދުގައި ދިވެހި ސަރުކާރާއި ނޭޝަނަލް ޕޭމެންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު އެމްއޯޔޫއެއްގައި މި އަހަރު ސޮއިކޮށް މަސައްކަތްކުރެވެމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފި އެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިނިސްޓްރީ އޮފް ޓޫރިޒަމް