ވަކި ވަރަކަށް ޕާޓީގެ ދަފްތަރުގައި މެންބަރުން ހަމަނުވިޔަސް، ދައުލަތުން ސިޔާސީ ފާޓީތަކަށް ފައިސާ ދޭގޮތަށް ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނު ބަދަލުކުރަން ނިންމި ނިންމުމަށް ތާއީދުނުކުރާ ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މައިގަނޑު ދެ އިސްލާހެއް ގެނައުމަށް ނިންމާފައިވެ އެވެ. އެއީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގެ އުސޫލާއި، ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ބާއްވަންޖެހޭ ކަމަށް ބަޔާންކުރާ މާއްދާއަށް ގެންނަ އިސްލާހެވެ.
ފަލާހް ވިދާޅުވި ގޮތުގައި، ކޮންގްރެސް ބޭއްވުމާ ގުޅޭ އިސްލާހަށް ޕީއެންސީން ތާއީދުކުރެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ އުސޫލަށް ގެނައުމަށް މމަށް މަސައްކަތްކުރާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ބާއްވަންޖެހޭ ކަމަށް ބުނާ މާއްދާއަށް ގެންނަ އިސްލާހަކީ، ކޮންމެ ފަސް އަހަރަކުން ކޮންގްރެސް ބާއްވަންޖެހޭކަމަށް އޮތް އޮތުމުގެ ބަދަލުގައި ދިމާވެދާނެ ހާލަތަކަށް ބަލައި އެކަށީގެންވާ ސަބަބަކާއެކު ކޮންގްރެސް ލަސްކުރެވޭ ގޮތަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، އައު އިސްލާހާ އެކު 3،000 މެންބަރުން ހަމަވާ ހުރިހާ ޕާޓީތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ 25 އިންސައްތަ ލިބޭނެ އެވެ. އަދި އަނެއް 25 އިންސައްތަ ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ބާކީ 50 އިންސައްތަ ބަހާލާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލިބޭ ނިސްބަތަށް ބަލައިގެން ނެވެ.
ޒަކަރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، އެމްއެންޕީން ހުށަހެޅި ގޮތަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުދީ ޕާޓީތައް ހިންގުމަށް އެއްވެސް ޕާޓީއަކުން ތާއީދުކޮށްފައި ނުވެ އެވެ. އަދި މިދިޔަ އަހަރާއި މި އަހަރުވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުން ގާތްގަނޑަކަށް 33 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ މަޢުލޫމާތު ދެއްވި އެވެ.
ކޮންގްރެސް ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ) ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު